
ސައުދީ ޗެންޕިއަން އަލް އިއްތިހާދު..
ބާކީ ދެމެޗު އޮއްވައި ސައުދީ ލީގު ޗެމްޕިއަންކަން އަލް އިއްތިހާދުން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން - 16 މޭ 2025 - 09:58
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ ރަށުން ބޭރުގައި ފަހަތުން އަރައި 3-1 އިން އައް ރައީދު ބަލިކޮށް ބާކީ ދެމެޗު އޮއްވައި ލީގެ ޗެންޕިއަންކަން އަލް އިއްތިހާދުން ކަށަވަރުކޮށްފި އެވެ.
ލީގުގައި އަލް އިއްތިހާދު އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން އަލް ފެއިހާ އަތުން މޮޅުވެފައިވާއިރު، އަލް ރައީދު އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޑަމަކް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އިއްތިހާދު އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ރައީދުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ޑިފެންޑަރު އޮމަރު ގޮންޒާލޭޒް އެވެ.
އަލް އިއްތިހާދުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ސްޓީވެން ބާގްވެއިން ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ޑެނީލޯ ޕެރޭރާ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުދީ ފޯވާޑް އަބްދުއްރަހްމާން އަލޮބުދެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން އަލް އިއްތިހާދަށް 77 ޕޮއިންޓް ލިބިފައިވާއިރު، ބާކީ ދެމެޗު އޮއްވައި އެޓީމަށް ވަނީ ލީގު ޗެންޕިއަންކަން ކަށަވަރުވެފައެވެ. އަދި މިއީ އެޓީމުން ސައުދީ ޕްރޮފެޝަނަލް ލީގު ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. އަދި އެޓީމު އެންމެ ފަހުން ލީގު ޗެންޕިއަންކަން ހޯދާފައިވަނީ 2023 ވަނަ އަހަރު އެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
21 ދުވަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
21 ދުވަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
19 ދުވަސް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
18 ދުވަސް ކުރިން