logo

ބްރިޖުން ޓޯލް ނަގާ ކަމަށް ފަތުރާ ޚަބަރުތައް ރައީސް ދޮގުކުރައްވައިފި

profile

ޒިދާން މުޙައްމަދު - 25 ޖުލައި 2024 - 16:08

 ރައީސް ޑރ. މުހައްމަދު މުއިއްޒު  | ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

ސިނަމާލޭ ބްރިޖް ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓޯލް ސިސްޓަމުން ފީ ނަގަން އުޅޭ ކަމަށް ބުނެ ފަރުތާ ޚަބަރުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

މާލެ ފަހި ޕްލޭންގެ ތެރޭގައި ސިނަމާލޭ ބުރިޖުން ޓޯލް ފީއެއް ނެގުމަށް ހިމަނާފައި އޮތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ ދަނޑިވަޅެއްގައި ރައީސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ރައީސް ވިދާޅުވީ ސިނަމާލޭ ބުރިޖުން ޓޯލް ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށެވެ.

ޓޯލް ފީއަކީ ރަންވޭއެއް ނުވަތަ ބޮޑުމަގެއް ބޭނުންކުރާ މީހުންގެ އަތުން ނަގާ ފީއެކެވެ.

މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށާއި، ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުންވަނީ މާލެފަހި ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ.


tel:+9607331319