logo

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

profile

ޒިދާން މުޙައްމަދު - 29 އޯގަސްޓު 2024 - 14:51

ފޮޓޯ ރައީސް އޮފީސް

ފޮޓޯ ރައީސް އޮފީސް

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މިނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'، އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން އޭރު ނިންމެވި ނިންމެވުމާ އެއްގޮތަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ އެކަމަށް ޚާއްސަ ޤަވާއިދެއް އެކުލަވާލާފައެވެ. އެ ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭނެ އުޅަނދުތަކާއި އުޅަނދުތަކުގައި ހުންނަންޖެހޭ މިނގަނޑުތައް ކަނޑައަޅާފައިވާއިރު، އެކަމުގެ މަޤްޞަދަކީ ދިވެހިންނަށް ލޭނު މަސްވެރިކަމަށް ފުރުސަތު ހުޅުވާލުން ކަމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިހާރުވެސް ދިވެހި އުޅަނދުތައް ލޭނު މަސްވެރިކަން ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދިވެހިންނަށް ލޭނު މަސްވެރިކަން ކުރުމަށް ފުރުސަތު ދޭއިރު، ލޭނު މަސްވެރިކަން ކުރާނެ ސަރަހައްދުތައް ވެސް އެ ގަވާއިދުގައި އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޭނު މަސްވެރިކަން ކުރަން ހުއްދަދެނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން 100 މޭލު ބޭރުގައި ކަމަށް ބުނެފައިވެއެވެ. މިގޮތަށް ހުއްދަދޭން އޭރު ނިންމި ނަމަވެސް މަސްވެރިކަމާ ބެހޭ ވުޒާރައިން ވަނީ ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭން އޭރުވެސް ނިންމާފައެވެ.

އެގޮތުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭނީ ހަމައެކަނި ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށް ކަމަށް މިކަމަށް ހުއްދަ ދިނުމަށް އެކުލަވާލި ގަވާއިދުގައިވެއެވެ.

tel:+9607331319