logo

މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތް އަންނަ އަހަރު އަޅަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 އޯގަސްޓު 2024 - 22:49

މަޖީދިއްޔާ ސުކޫލު

މަޖީދިއްޔާ ސުކޫލު

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްކަމަށްވާ މަޖީދިއްޔާ ސްކޫލްގެ އާ އިމާރާތް އަންނަ އަހަރު އަޅަން ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން 100 ދުވަސް ގުނުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ މަޖީދިއްޔާގެ އާ އިމާރާތް އަޅަން ހަމަޖެހިފައިވަނީ އެ ސްކޫލާ ޖެހިގެން އޮންނަ، އަދި ކުރިން ދަރުމަވަންތަ ސްކޫލްގެ ހިންގި ބިމުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިމާރާތުގައި 40 ކްލާސްރޫމް ތަރައްގީކުރެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތަކަކަށް ވާނެ ކަމަށެވެ.

"އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތަކުގެ ގޮތުގައި ރާއްޖޭގެ ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ސްމާޓް ކްލާސްތަކަކަށް ވާނެ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސްކޫލުގެ ކިޔެވުން އެންމެ ފުރަތަމަ ފެށިގެން އައި ދާރުލްއުލޫމު އިމާރާތް، ނޭޝަނަލް އެޑިއުކޭޝަން މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީ ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

tel:+9607331319