logo

އަނުރަ ކުމާރަ ޑިސަނަޔަކަ ހޯމަދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނެ

profile

ސައިފް އަޒުހަރު - 22 ސެޕްޓެމްބަރު 2024 - 23:25

އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ (ވ)، ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކަ (މ) އަށް މަރްހަބާ ވިދާޅުވަނީ:

އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ (ވ)، ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކަ (މ) އަށް މަރްހަބާ ވިދާޅުވަނީ:

ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރައްވާނީ ހޯމަދުވަހު ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަގެ ޕާޓީގެ މެމްބަރުން ސްރީލަންކާގެ ބައެއް ނޫސްތަކަށް މިކަން ކަށަވަރު ކޮށްދިން ނަމަވެސް، ރަސްމީ އިދާރާއަކުން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ.

އުމުރުފުޅުން 55 އަހަރުގެ އަނުރަ ކުމާރަ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ ކޮޅުނބުގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ.

އޭނާ ވެވަޑައިގަންނަވާނީ ސްރީލަންކާގެ 9 ވަނަ ރައީސަށެވެ.

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފައިވަނީ މިއަދުއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައި ނުގަތުމުން، އިންތިޚާބުގެ ނަތީޖާ ނެރުނީ "ދެވަނަ ބުރުގެ ވޯޓު ގުނުން" އުސޫލަށް ގޮސްގެންނެވެ. އެއީ، އެންމެމަތިން ވޯޓު ހޯއްދަވާ 3 ކެންޑިޑޭޓުން ރޭންކް ކުރުމަށް، ވޯޓުލީ މީހުންނަށް ދީފައިވާ ފުރުސަތުގައި، އާންމުން ދީފައިވާ އިސްތިސްނާ ވޯޓުތައް ބަލައި، 2 ކެންޑިޑޭޓުންގެ ޖުމްލަ ނަތީޖާއަށް އެ ވޯޓުތައް އެއްކުރުމަށް ފަހުގައެވެ.

އެގޮތުން، އަނުރަ އިންތިޚާބު ކާމިޔާބު ކުރެއްވީ 42.31 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައި ވެއެވެ. ފުރަތަމަ ބުރުންވެސް ކުރި ހޯއްދެވި އަނުރަ ކުމާރަ ޑިސަނަޔަކައެވެ.

ދެވަނަ ގުނުމުގައި ހިމެނިވަޑައިގެންނެވި އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސައަށް ލިބިވަޑައިގެންނެވީ 32.76 އިންސައްތައެވެ.

އަނުރަ ކުމާރަ ޑިސަނަޔަކައަކީ ޕީޕަލްސް ލިބަރޭޝަން ފްރަންޓުގެ ލީޑަރެވެ. ނަމަވެސް އޭނާ ރިޔާސީ އިންތިޚާބަށް ނުކުމެވަޑައި ގެންނެވީ "ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަން" ނަމުގައި ހެދި ސިޔާސީ ޕާޓީތައް ހިމެނޭ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރައްވަމުން އަނުރަ ކުމާރަ ޑިސަނަޔަކަވަނީ، ސްރީލަންކާގެ އަޣުލަބިއްޔަތު އޮންނަ ސިންގަޅަ އަދި ބައިމަދު ތަމަޅަ އަދި މުސްލިމް ކޮމިއުނިޓީތައް އެބައިވަންތަވުމަށް ގޮވާލައްވާފައެވެ.

ސްރީލަންކާގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ ސްރީލަންކާގެ ޕާލަމެންޓް މެމްބަރުކަން ކުރައްވާތާ 20 އަހަރު ވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޭނާ މައިގަނޑު އަމާޒަކަށް ހެއްދެވީ، ގައުމަށް އިސްލާހީ ބޮޑެތި ބަދަލުތައް ގެންނެވުމާއި، ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެއްވުމާއި، އަދި އިގްތިސާދު ވަރުގަދަ ކުރެއްވުމުގެ މައްޗަށެވެ.

https://wamco.com.mv/
tel:+9607331319