logo

ބަންކަރިންގެ ހިދުމަތް: ގަވާއިދާ ހިލާފުވާނަމަ ޖޫރިމަނާ ކުރެވޭނެ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 ސެޕްޓެމްބަރު 2024 - 18:43

ރާއްޖޭގައި ބަންކަރިން ޚިދުމަތް އަލަށް ފެށުން--- ފޮޓޯ: އެސްޓީއޯ

ރާއްޖޭގައި ބަންކަރިން ޚިދުމަތް އަލަށް ފެށުން--- ފޮޓޯ: އެސްޓީއޯ

ބަންކަރިންގެ ހިދުމަތް ދިނުމުގައި މަނާ ކަންތައްތައް ކަނޑައަޅައި، އެ ކުށްތަކަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައި ކަސްޓަމްސްގެ އާއްމު ގަވާއިދު އިސްލާހުކޮށްފި އެވެ.

ބަންކަރިންގެ ހިދުމަތަކީ ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ ކަނޑު އުޅަނދުތަކަށް އެޅުމަށާއި ޑިއުޓީ ނުދައްކާ ހުންނަ ތެލާއި ޑިއުޓީ ދައްކާފަ ހުންނަ ތެޔޮ ރާއްޖެއިން ބޭރަށް ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް އެޅުމުގެ ހިދުމަތެވެ. މި ހިދުމަތް ރާއްޖޭގެ ފުރަތަމަ ފަހަރަށް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިހަވަންދިއްޕޮޅުގައި މި ހިދުމަތް ދެމުންދަނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލް އާ ގުޅިގެން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިންނެވެ.

ރާއްޖޭގައި މުޅިން އަލަށް ބަންކަރިންގެ ހިދުމަތް ދޭން ފަށާފައިވަނީ ކަސްޓަމްސްގެ އާއްމު ގަވާއިދަށް ބަންކަރިންގެ ހިދުމަތާ ގުޅޭ އިޖުރާއަތުތައް އިތުރުކޮށް އިސްލާހު ގެނެސްގެން ނެވެ. އެ ގަވާއިދުގައި ބުނާގޮތުން، ބަންކަރިންގެ ހިދުމަތް ދެވޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ކަނޑައަޅާ ނުވަތަ ބަންކަރިންގެ ހިދުމަތް ދޭ ސަރަހައްދުތަކާއި ތަންތަނަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ ހާއްސަ އޮފް ޕޯޓް ލިމިޓާއި އޮފްޝޯ ސަރަހައްދާއި ހާއްސަ ހާލަތެއް މެދުވެރިވެގެން އެ ތަންތަނުގެ ބޭރުން ބަންކަރިންގގެ ހިދުމަތްދޭ ސަރަހައްދުތަކާއި، ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ ރައްކާކޮށްފައި ހުންނަ ފްލޯޓިން ބޮންޑު ނުވަތަ ފެސިލިޓީ ފަދަ ތަންތަން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ގަވާއިދުގައި ބުނެފައިވާގޮތުން:

  • ބަންކަރިންގެ ހިދުމަތް ދެވޭ އުޅަނދަކީ ތެޔޮ އަޅައިދޭ ވަގުތުން ފެށިގެން ލަސްވެގެން 48 ގަޑިއިރު ތެރޭގައި ރާއްޖެއިން ބޭރަށް ފުރަން ތައްޔާރުކޮށްފަ އޮތް އުޅަނދެއް ނަމަ ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ އެޅިދާނެ
  • އެކަމަކު އެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ނުފުރައިފިނަމަ، އެ އުޅަނދަށް އެޅި ތެލަށް ބަންކަރިންގެ ހިދުމަތް ދިން ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނެ
  • ގުދުރަތީ ހާދިސާއަކާ ގުޅިގެން ނުވަތަ ބޯޓަށް ގެއްލުމެއް ލިބުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ހާލަތެއްގައި ކަސްޓަމްސްގެ ހުއްދައާއި އެކު ނުފުރައި މަޑުކުރުމަށް އިތުރު 48 ގަޑިއިރު ދެވޭނެ

  • އެ 48 ގަޑިއިރު ތެރޭގައި ތެރޭގައި އެ އުޅަނދަށް އެޅި ޑިއުޓީ ނުރައްކާ ހުރި ތެލަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެ

އެ ގަވާއިދުގައި ބުނެފައިވާގޮތުން ބަންކަރިންގެ ހިދުމަތް ހޯދާ އުޅަނދަކީ ތެޔޮ އަޅާދޭ ވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭގައި ރާއްޖެއިން ބޭރަށް ނުފުރާ އުޅަނދެއް ނަމަ ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ އަޅާދެވޭނީ އެ ތެލަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން ކަމަށެވެ. އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭނީ، ގަވާއިދު ބުނާގޮތުން ބަންކަރިންގެ ހިދުމަތް ދޭ ފަރާތުން ނެވެ.

މި ގަވާއިދުގައި ބަންކަރިންގެ ހިދުމަތް ދިނުމުގައި މަނާކަންކަން ވެސް ކަނޑައަޅާފައިވެ އެވެ. އަދި އެކަންކަމަށް އަދަބު ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން:

  • ކަސްޓަމްސްގެ ހުއްދަ ނެތި ބަންކަރިންގގެ ހިދުމަތް ދިނުމަށްޓަކައި ދޫކުރެވޭ ތެލަށް އިމްޕޯޓް ޑިއުޓީ ނުދައްކައި ރާއްޖޭގައި ބޭނުންކުރުމާއި ރާއްޖޭގައި ބޭނުންކުރުމަށް ދޫކުރުމާއި ރީ އެކްސްޕޯޓް ރޯޔަލްޓީ ނުދައްކައި ރާއްޖެއިން ބޭރުކުރުމާއި ރާއްޖެއިން ބޭރުކުރުމަށް ދޫކުރުމަކީ މި ގަވާޢިދުގެ ދަށުން މަނާ ކަމެއް

  • އެ ކުށް ކުރާ ފުރަތަމަ ފަހަރު މައްސަލައިގައި ހިމެނޭ ތެލަށް ކަސްޓަމްސް އިން ކަނޑައަޅާ އެފްއޯޕބީ އަގުގެ 25% އިން ޖޫރިމަނާ ކުރެވޭނެ؛ ދެ އަހަރު ދުވަހުގެ ތެރޭގައި ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާއަށް 25% އިތުރުކުރެވޭނެ.

  • ގިނަވެގެން ފަހަރަކު 200،000 ރުފިޔާއާ ހަމަޔަށް ޖޫރިމަނާ ކުރެވޭނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް ހއ. ހޯރަފުށީގައި ފެށި މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރާއްޖެއިން މި ހިދުމަތް ދެނީ އޮފް ޝޯކޮށެވެ. ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކޮށްގެން ބޭރުގެ ބޯޓު ފަހަރުތަކަށް ހިދުމަތް ދޭން މި ފެށީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނެވެ.

https://int.etukuri.mv/
tel:+9607331319