logo

ބަންކަރިން: ސަރުކާރުން އޮތީ މިހާހިސާބުން ނިންމާލާ ގޮތަކަށް ނޫން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 ސެޕްޓެމްބަރު 2024 - 00:01

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދެއް

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފަ އެވެ. ރާއްޖެއިން މި ހިދުމަތް ދެނީ އޮފް ޝޯކޮށެވެ. ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކޮށްގެން ބޭރުގެ ބޯޓު ފަހަރުތަކަށް ހިދުމަތް ދޭން މި ފެށީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނެވެ. ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލް އާ ގުޅިގެން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިންނެވެ.

އޮފްޝޯކޮށް ބަންކަރިންގެ ހިދުމަތް ދޭން ފަށާފައިވާއިރު، އަދި އެ ހިސާބުން އެ ހިދުމަތް ދިނުން ނިންމާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ސަރުކާރުގެ އަމާޒަކީ އެ ހިދުމަތް ފުޅާކޮށް މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސޯދުގެ ތިން ވަނަ ތަނބަކަށް ހެދުމެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މަސްލަހަތުވެރިންގެ ވާހަކަތަކުން މިކަމުގައި ސަރުކާރުން ގެންގުޅޭ ތަސައްވުރު ސާފުވެގެންދެ އެވެ. އެގޮތުން، އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި އޮފްޝޯކޮށް އެ ހިދުމަތް ދިނުމަކީ "ދާއިމީ ހައްލެއް" ނޫނެވެ.

"އަޅުގަނޑުމެންގެ ދާއިމީ ހައްލަކީ މި ސަރަހައްދު، މި ސްޓްރެޓެޖިކް ލޮކޭޝަންގައި ބިން ހިއްކައިގެން މިތަނުގައި ރަނގަޅު ފިއުލް ފާމްތަކަކާއި ރަނގަޅު ޕޯޓެއް ގާއިމުކޮށް މުސްތަގުބަލުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތަކެއް ގާއިމުކޮށް ހިދުމަތް ދިނުން" ޝިމާދު ވިދާޅުވި އެވެ.

ޝިމާދު އެ ވިދާޅުވި ގޮތަށް ދެވަނަ ފިޔަހީގެ ދަށުން އެ ހިދުމަތް ފުޅާ ކުރުމުގެ ތަފްސީލް ދެއްވީ ބޯޓު ފަހަރުތަކަށް ޕައިލަޓޭޖްގެ ހިދުމަތް ފޯރުކޮށްދޭ އެމްޕީއެލްގެ ސީއީއޯ އިސްމާއީލް ވަޖީހު އެވެ. ވަޖީހު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތް ފުޅާކުރާނީ ހޯރަފުށީ ފަޅު ހިއްކައިގެން އެ ބިމުގައި އޮއިލް ޓާމިނަލެއް ގާއިމުކޮށްގެން ނެވެ. އޭރުން، އޮފްޝޯކޮށް އެ ހިދުމަތް ދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފްޝޯކޮށް މި ހިދުމަތް ފެށި ނަމަވެސް ހޯރަފުށީގެ ފަޅު ހިއްކައިގެން އެތަނުގައި ބޮޑު ސިންގާ ބިމެއް އުފައްދައި ޝޯކޮށް، އެއްގަމުން ބަންކަރިންގެ ހިދުމަތް ދެވޭ ގޮތަށް އޮއިލް ޓާމިނަލެއް ތައްޔާރުކުރާނަން ދެވަނަ ފިޔަވަހީގެ ގޮތުގައި. " އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު، އެމްޕީއެލްގެ ދަށުން ހިންގާ ގޮތަށް އެ ސަރަހައްދުގައި ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުމުގެ އިތުރުން ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމަށް އެ ސަރަހައްދުގައި "ފްރީ ޒޯނެއް" ތަރައްގީކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ފުޅާކުރުމުގެ ވާހަކަދައްކާއިރު، އޮފްޝޯކޮށް އެ ހިދުމަތް ދޭން ފެށި ސަބަބަށް ވެސް ބަލާލަން ޖެހެ އެވެ. އެ ހިދުމަތް އެގޮތަށް ދޭން ފެށީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ އަދަދު އިތުރުކުރުމުގެ ބޭނުމުގަ އެވެ.

"ރާއްޖޭ ހުރަސްކޮށް ދުވާލަކު މިދާ 300 ބޯޓުގެ ތެރެއިން 1 ޕަސެންޓުވެސް މިތަނަށް ގެންނާނީ ކިހިނެއްތޯ؟ މި ވިޔަފާރި ނުފަށާ. ސުވާލަކީ މި ވިޔަފާރި ފަށާނީ އާދައިގެ ގޮތެއްގަ ތޯ، ނުވަތަ ބޮޑު ބިމެއް ހިއްކާފަ ޕޯޓު ހަދާ ހުރިހާ ކަމެއްކޮށްފަ ވެސް ދެން އިންތިޒާރެއްގައި ތިބޭނީތޯ ބޯޓެއް ވަދޭތޯ؟ " ސައީދު ސުވާލު އުފެއްދެވި އެވެ.

ސައީދު ވިދާޅުވީ ފުރަތަމަ އަމާޒަކީ އިހަވަންދިއްޕޮޅަކީ ބަންކަރިންގެ ހަބެއްގެ ގޮތުގައި މާކެޓުކުރުމެވެ. އެކަމުން ލިބޭ ފައިދާ އިތުރުވަމުންދިޔުމާއެކު، އެ ހިދުމަތް ވެސް މުސްތަގުބަލުގައި ފުޅާކުރެވޭނެ ކަމަށް ސައީދު އުއްމީދު ކުރައްވަ އެވެ.
ދުނިޔޭގެ މައި ޝިޕިން ލައިންތައް ގުޅުވައިދޭ މައި މަގު އޮތީ އިހަވަންދިއްޕޮޅާ ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ދުރުގަ އެވެ. އެ މަގުން ދުވާލެއްގެ މައްޗަށް 300 އެއްހާ އުޅަނދު ދަތުރުކުރާއިރު، ބަންކަރިންގެ ހިދުމަތާ އެކު ވަޒީފާ އުފެއްދި، ދައުލަތަށް ވަންނަ އާމްދަނީ ވެސް އިތުރުކުރެވިގެންދާނެ އެވެ.

ރާއްޖޭގެ އިގްތިސޯދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އިތުރު ދާއިރާތަކުން އާމްދަނީ ލިބޭ ގޮތް ހެދުމަކީ މިހާރު ކުރަން މަޖުބޫރުވެފަ އޮތް ކަމެކެވެ. ބަންކަރިންގެ ހިދުމަތް ރާއްޖޭގައި މުޅިން އަލަށް ދޭން ފެށުމަކީ އެކަމުގެ ފެށުމެކެވެ. ސަރުކާރުގެ ތަސައްވުރާއި އެއްގޮތަށް އެ ދާއިރާ ތަރައްގީކުރެވިއްޖެ ނަމަ، އިގްތިސޯދުގެ ތިން ވަނަ ތަނބަކަށް މެރިޓައިމް ދާއިރާ ހެދިދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

tel:+9607331319