logo

ޕީޖީގެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކުރުން މިއަދު

profile

ޝުރުފާ މުހަންމަދު - 16 ސެޕްޓެމްބަރު 2024 - 12:45

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރސާކުރުމަށް ޖުޑީޝަރީ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރސާކުރުމަށް ޖުޑީޝަރީ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތި ބޭފުޅުންނާ އިންޓަވިއުކުރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ތާވަލްކޮށްފި އެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޖުމްލަ 6 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވެ އެވެ. އެ ބޭފުޅުންގެ ނަން ރައީސް އޮފީހުން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި އިރު އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިސްކަން ދެއްވާފައި ވަނީ އައްބާސް ޝަރީފުގެ ނަމަށެވެ.

ޕީޖީ ކަމަށް ކުރިމަތިލި ބޭފުޅުންނާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްތޯ ބެލުމަށް، މަޖިލީހުން އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދު މެންދުރު 12 ޖެހުމާ ހަމައަށެވެ. އެ މުއްދަތު ހަމަވުމާއި އެކު މިއަދު މެންދުރު 1 ޖަހާއިރު އެ ބޭފުޅުންނާ، އިންޓަވިއުކުރުން ފެށިގެންދާނެ އެވެ.

މި މައްސަލަ ބަލާ ޖިޑީޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު އަސްލު ޓީވީ އަށް ވިދާޅުވީ، އިންޓަވިއު އަށް ފަހު ޕީޖީގެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން ހިމަނާ ޖުޑީޝަރީ ކޮމިޓީން މިއަދު ރިޕޯޓު ފާސްކުރާނެ އެވެ. އަދި އެ ރިޕޯޓަށް ވޯޓަށް އެހުމަށް މާދަމާގެ ޖަލްސާއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާކަން މަޖިލީހުގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕީޖީގެ މަގާމު މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުސްވެފައިވާއިރު، ގާނޫނު ބުނާގޮތުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ލިބޭނެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް 30 ދުވަހެވެ.

ރައީސް އިސްކަންދެއްވި އައްބާސް އަކީ ކާކު؟

އައްބާސް ޝަރީފަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކުރެއްވީ ގާނޫނީ ދާއިރާއިން ނެވެ. އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން 2000 ވަނަ އަހަރު ބެޗްލަރ އޮފް ލޯ ޙާސިލުކުރައްވައިގެން ހުންނެވި އައްބާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަމާއި، ލީގަލް އޮފިސަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ.

ޖުޑީޝަލް ސާވިސް ސާވިސް ކޮމިޝަނަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަމުގެ މަގާމުވެސް ފުރުއްވިއިރު އޭނާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލްސް ކޮމިޓީގެ ނާއިބު ރައީސްކަން ވެސް ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް އައްބާސް އައްޔަނުކުރީ 2011 ވަނަ އަހަރު އެވެ. ފަނޑިޔާރަކަށް އައްޔަނުކުރުމުގެ ކުރިން އެބޭފުޅާ މަޝްހޫރުވެފައި ވަނީ ކުޅަދާނަ ވަކީލެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓުތަކުގައި ވަކަލާތު ކުރެއްވި އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވާފަ އެވެ. އެގޮތުން، 2015 ވަނަ އަހަރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ އެމްޑީޕީން ބެހުނު މައްސަލައެއްގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި އައްބާސް ވަނީ، 2018 ގެ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތުކުރައްވާފަ އެވެ.

tel:+9607331319