logo

މާލޭ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި

profile

ޝާމާ ޝުޢައިބު - 29 ސެޕްޓެމްބަރު 2024 - 16:45

މާލޭ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު

މާލޭ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

'އަސްލު ޓީވީ' އާ އެ މައުލޫމާތު ހިއްސާ ކުރައްވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ، ވަޖީހުގެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ގަބޫލު ނުކުރެވޭތީ މީގެ މަހެއްހާ ދުވަސްކުރިން ނޯ ކޮންފިޑެންސް ވޯޓެއްނަގައި، އެ ކައުންސިލުން އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވި ކަމަށެވެ.

އަދި ކައުންސިލް ބޯޑުން ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓުގެ ސަބަބުން ވަޖީހު ސަސްޕެންޑުކޮށް އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނުން ބަލާފައި ތަހުގީގު ކޮށްފައިވާ ކަމަށެވެ.

ނަރީޝް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ވަޖީހު އެ މަގާމުން ވަކިކުރަން ސިންވިލް ސަރވިސް ކޮމިޝަނުން ނިންމައި، އެކަން މިއަދު އަންގާފައިވާ ކަމަށެވެ.

ވަޖީހު ނަސީރު މަގާމުން ވަކި ކޮށްފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ މައްސަލަ ބޮޑުވެ، ކައުންސިލްގެ މަސައްކަތްތަކަށް ބުރޫއަރަމުންދާ ކަމުގެ ކަންބޮޑުވުން ކައުންސިލަރުން ވަނީ ފާޅުކުރަން ފަށާފައެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އޭނާ މަގާމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް ކައުންސިލްގައި އެންމެ މައްސަލަ ބޮޑު އެއް ސެކްޝަނަކީ އެޗްއާރު ސެކްޝަން ކަމަށެވެ.

މޭޔަރު ވިދާޅުވީ މުވައްޒަފުންގެ ހާޒިރީ ބެލުމުގައި ވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި ރަނގަޅަށް ނުބަލާ މުސާރައިން ކެނޑުމާއި، އެންގުމަކާ ނުލާ މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ވެސް މޭޔަރ ފާހަަގަކުރެއްވިއެވެ.

މޭޔަރ އާޒިމް ވިދާޅުވީ ކައުންސިލްގެ އެޗްއާރު ސެކްޝަންގެ މަސައްކަތްތައް ހިނގަމުންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ.

https://int.etukuri.mv/
tel:+9607331319