logo

ގެދޮރުވެރިޔާ ފްލެޓު ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާ ފަށަނީ

profile

ޝުރުފާ މުހަންމަދު - 13 ފެބްރުއަރީ 2024 - 18:39

ހައުސިންގ މިނިސްޓަރ ޑރ ހައިދަރު

ހައުސިންގ މިނިސްޓަރ ޑރ ހައިދަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ކަމަށް އެކުލަވާލި ލިސްޓުގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް ފަހު އާންމު ކުރި ރިޕޯޓުގައި ބުނާ 20 އިންސައްތަ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާ ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ހައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި މިކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަގައެވެ. މިނިސްޓަރ ވިދާޅުވީ ޝަރުތު ހަމަވާ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ އޭސީސީ އިން އެ މައްސަލަ ބަލަމުންދާތީ އެވެ. އެގޮތުން އެ މައްސަަލައިގެ ތަހުގީގަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އިން ނަގާފައިވާ ކަމަށެވެ. އަދި މިވަގުތު އެ ޕޯޓަލްގެ އެކްސެސް އޮތީ ހަމައެކަނި އޭސީސީއަށް ކަމަށް ވެސް ވިދާޅުވިއެވެ.

"މި ރާވަނީ އަންނަ ހަފްތާގައި މަސައްކަތް ފަށައިގަނެވޭނެ ކަމަށް. އޭސީސީން މި ހަފްތާ ކުރީކޮޅު ވިދާޅުވީ ދެތިން ދުވަހެއް ތެރޭގައި އެކްސެސް ލިބޭނޭ. ލިބުނީމަ [ފްލެޓް ލިބޭ] މީހުންނަކީ ކޮބާކަން ކަނޑައެޅިގެން އެނގި, އެމީހުންނަށް ގުޅައިގެން ގެނެސް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެން ރާވާފައި އޮތީ" މިނިސްޓަރ ވިދާޅިވިއެވެ.

އިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހެކެވެ. އެއީ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި 4،000 މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނެވެ. ހައިދަރު ވިދާޅުވިގޮތުގައި ފްލެޓު ދޫކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ޕޯޓަލްގް އެކްސެސް ލިބުނީމައެވެ. އަދި ލިބުނު ހާ އަވަހަކަށް ޝަރުތު ހަމަވަނީ ކޮން ބައެއްގެ ކަން ބެލުމަށް ފަހު އެމީހުންނަށް ގުޅާނެ ކަމަށާއި، މަސައްކަތް ފެށިގެން ދެ ހަފްތާ ތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓު ލިބޭ ކަމަށް މިދިޔަ ސަރުކާރުން ކަނޑައަޅާ އާންމު ކުރި ލިސްޓުގެ 59 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާކަން އޭސީސީގެ ތަހުގީގަށް ހާމަވެފައިވާއިރު، އެއީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކަމުން އެއީ ކަންބޮޑުވާހާ ބޮޑު އަދަދެއް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޕޯޓަލްގެ އެކްސެސް ލިބުމާއި އެކު އެއީ ކޮން ބައެއްކަން ވެސް ބަލާނެ ކަމަށެވެ.

އޭސީސީގެ ތަހުގީގަށް ފަހު މިނިސްޓްރީން އައު ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ. ފްލެޓުތަކުގެ މައްސަލަ އޭސީސީން އިން ބެލި އިރު އެ ލިސްޓަށް ގާތްގަނޑަކަށް 7،000 މީހުން ޝަކުވާ ހުށަހަޅާފައިވެއެވެ.

tel:+9607331319