
ދެވަނަ ދައުރު ނިމުނު އިރު 24 ބިލެއްގެ މަސައްކަތްވަނީ ފުރިހަމަކޮށްފައި: ރައްޔިތުންގެ މަޖިލިސް

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2026 - 16:50
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ މަސައްކަތްތައް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު، ޖުމްލަ 24 ބިލެއްގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން ފުރަތަމަ ދައުރު ނިންމައި މެއި 16 ގައި ޗުއްޓީއަށް ދާންޖެހުނު ނަމަވެސް، މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމާ ގުޅިގެން އެ ދައުރު ވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ދައުރުތަކުގެ ދެމެދުގައި ޗުއްޓީއަކަށް ނުގޮސް، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެވަނަ ދައުރުގެ ޖަލްސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ދައުރުގައި 10 ބިލެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
މަޖިލީހުގެ ދެވަނަ ދައުރުގައި ފާސްކުރި 14 ބިލާއެކު، ނިމިދިޔަ ދެ ދައުރުގެ ތެރޭގައި ޖުމްލަ 24 ބިލެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ.
މީގެއިތުރުން، ދެވަނަ ދައުރު ނިމުނުއިރު މަޖިލީހުގައި ނުނިމި 23 ބިލެއް އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިޓީ މަރުޙަލާގައި އޮތް 21 ބިލަކާއި، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމުގެ މަރުޙަލާގައި އޮތް 2 ބިލެވެ.
މަޖިލީހުގެ ދެ ދައުރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާޙުތަކާއި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.
މީގެއިތުރުން، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ބިލުގެ އިތުރުން، ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު ފާހަގަކޮށްލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދައުރުގައި 2 ޤަރާރަކާއި، ސަރުކާރުން ހުށަހެޅުއްވި 13 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅުއްވި 2 މައްސަލައެއްގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
ދެވަނަ ދައުރުގެ ތެރޭގައި 4 ގަރާރަކާއި، ސަރުކާރުގެ ފަރާތުން ހުށަހެޅި 17 މައްސަލައެއްގެ އިތުރުން، މެންބަރުން ހުށަހެޅުއްވި 2 މައްސަލައާއި 2 ޕެޓިޝަނެއްގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
މި ހިނގާ އަހަރުގެ ފުރަތަމަ ދެ ދައުރުގެ ތެރޭގައި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅުނު 96 ސުވާލެއްގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ނުނިމި ބާކީ އޮތީ 59 ސުވާލެއްގެ މަސައްކަތް ކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދެވަނަ ދައުރުގެ ޖަލްސާތައް ނިންމަވާލައްވައި މަޖިލިސް ޗުއްޓީއަށް ދިޔައިރު، މަޖިލީހަށް ހުށަހެޅިފައިވާ ޖުމްލަ 215 މައްސަލައިގެ ތެރެއިން 106 މައްސަލައެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިމުނު އިރު އެކި މަރުޙަލާތަކުގައި މިވަގުތު ނުނިމި އޮތީ 109 މައްސަލައެކެވެ.






