logo

ރަސްމާލެ އެއްބަސްވުމާއި ގުޅޭ މައްސަލަ އަލުން ބަލައިދޭން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 22 އޮކްޓޯބަރު 2026 - 08:22

ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ 99 އަހަރުގެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކޮށްދިނުމަށް އެދި އަލުން ހުށަހަޅައިފިއެވެ.

https://wamco.com.mv/

މި މައްސަލަ އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން ހާމަކުރެއްވީ، ކުރިން ވެސް މި މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އަލީ ހުސައިން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލޭގެ މައްސަލައިގައި ރަޖިސްޓްރާ ނިންމަވާފައިވާ ނިންމެވުން އަލުން ބަލައިދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ސަބަބެއް ކަމަށް ފާހަގަކުރައްވާފައިވަނީ، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ބެލޭނެ ބާވަތުގެ މައްސަލައަކަށް ނުވުމެވެ. ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުރަތަމަ މަރުހަލާގައި ސީދާ އެ ކޯޓަށް ބެލޭނީ، ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ވެރިކަމުގެ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި، ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން، އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑެތި ދުސްތޫރީ މައްސަލަތަކެވެ.

ރަޖިސްޓްރާ މިގޮތަށް ނިންމެވި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް އެއްވެސް ފަރާތަކަށް ދީ، ވިއްކައި، ކުއްޔަށްދީ ނުވަތަ ދޫކޮށްލަންވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ފަރާތަކަށް ދައުލަތުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމުގެ ބާރު ސަރުކާރަށް ލިބިދޭ އެއްވެސް ގާނޫނީ އޮނިގަނޑެއް ނެތް ކަމަށެވެ.

މީގެއިތުރުން، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ހައްގުތައް ބަދަލުކުރެވޭ ގޮތަށް އޮތުމަކީ، ނިމުމެއް ނެތި ދާއިމީ ސިފައެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަމާއި ހައްގުތައް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކުރައްވާފައިވެއެވެ.

https://wamco.com.mv/
tel:+9607331319