logo

ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް

profile

ރިޟްވާން މޫސާ - 15 އޯގަސްޓު 2026 - 06:34

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛް އަޙްމަދު ޝާކިރު ކަށިމާއަށް ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.

https://wamco.com.mv/

މި ޝަރަފު ކަށިމާ ޝާކިރަށް އެރުވީ ދިވެހި ޤައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީޚަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.މިއަދުވެސް އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ހުންނެވީ، ޤައުމީ ޚިދުމަތުގައެވެ.

އެ މަނިކުފާނަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަން އެވެ.

ޝާކިރު، ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ޚިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.

އެމަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ މާސްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އޭގެފަހުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވިއެވެ.

ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ އަޙްމަދު ޝާކިރު ގެންދަވަނީ، ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. ރައީސް މައުމޫނުގެ ޚިދުމަތުގެ ފުރަތަމަ 15 އަހަރުގެ ތާރީޚު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްޤަރުނުގެ ތާރީޚު ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމްވެސް ލިޔުއްވައިފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.


https://wamco.com.mv/
tel:+9607331319