
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަރެސް ޢާމިރަށް

ރިޟްވާން މޫސާ - 15 އޯގަސްޓު 2026 - 06:34
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މުޙައްމަދު ޢާމިރު އަޙްމަދު ފަރެސްއަށް ދެއްވައިފިއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިއިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މުޙައްމަދު ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުއެވެ. މި ދެ ކޯހުގެ މުދައްރިސަކީ، ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި މުޙައްމަދު ޢާމިރު އަޙްމަދުގެ ޅެންވެރިކަމުގެ މުރައްބީ، އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅެވެ.
މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުޤައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު އާމިރުވަނީ ޚިދުމަތް ކުރައްވާފައެވެ.
ޢާމިރު އަޙްމަދަކީ، ޅެންހެދުމުގެ ޤައުމީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރެއްވުމާއި، އެ ކުދިންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ އެދުރެކެވެ. އެ މުބާރާތުގެ ފަނޑިޔާރެކެވެ. އަދި ދިވެހިބަހުގެ އެކެޑަމީން ހިންގަވާ އެކި ތަމްރީނުތަކުގައި، ދިވެހިބަހާއި ޅެންވެރިކަން ދަސްކޮށްދޭ ކްލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ. މު
ޙައްމަދު ޢާމިރު އަޙްމަދަށް ވަނީ ދިވެހި ޅެންވެރިކަމުގެ ދާއިރާއިން 1996ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. މި ހުރިހާ ކާމިޔާބީއަކާއެކުގައިވެސް ޢާމިރު އެންމެ އުފާކުރައްވާ ކާމިޔާބީއަކީ، ޢާމިރުގެ ދަރިވަރުން ޢާމިރާމެދު ފާޅުކުރާ ޝުޢޫރުތަކާއި ވަޒަންކުރާ ގޮތެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްލާމް ދީނާއި ޙިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރާނަން: ރައީސް
ގަޑިއިރެއް ކުރިން

ވަޒީފާގެ މާހައުލުގައި ތެދުވެރިވެ އިޙްލާސްތެރިވާންޖެހޭ: ރައީސް
2 ގަޑިއިރު ކުރިން

ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް
3 ގަޑިއިރު ކުރިން

އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސް ހުޅުއްވައިދެއްވައިފި
3 ގަޑިއިރު ކުރިން


