
ޕާޓީ ބަދަލުކުރުމުން ވ ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

މުޙައްމަދު ފަޟްލޫން - 05 ޖޫން 2026 - 11:51
ޕާޓީ ބަދަލު ކުރުމާއި ގުޅިގެން، ވ. ތިނަދޫ ކައުންސިލްގެ މެންބަރު ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
ޝުޖާއު ތިނަދޫ ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސް ގެ ޓިކެޓުގައެވެ. ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުކުރާ 3000 މެންބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމާ ގުޅިގެން، އޭނާ ވަނީ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދަށް އެލްޖީއޭއިން ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ކައުންސިލް މެންބަރުކަމުގެ މަގާމު ގެއްލޭނެ ކަމަށެވެ.
އެހެންކަމުން، އެ އޮތޯރިޓީގެ ބޯޑުން ވަކިގޮތެއް ނިންމައި އަންގަންދެން، މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެއްކިބާވުމަށާއި، ކައުންސިލް އިދާރާއަށް ނުނިކުތުމަށް އެ ސިޓީ މެދުވެރިކޮށް ޝުޖާއުއަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ކައުންސިލްގެ ރައީސްގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް ވަގުތީގޮތުން ކައުންސިލްގެ ނައިބު ރައީސާ ހަވާލުކުރުމަށްވެސް އެ ސިޓީގައިވެއެވެ.
މިކަމާ ގުޅޭގޮތުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ގާނޫނުގައި ސިޔާސީ ޕާޓީއެއް އުވައިލުމުން ދެން އަމަލުކުރާނެ ގޮތުގެ ސާފު އިރުޝާދެއް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި މައްސަލައިގައި ގޮތް ނިންމުމުގެ އިހުތިސާސް އެލްޖީއޭއަށް ލިބިގެންނުވާ ކަމަށާއި، މިކަމުގައި ފަހުބަސް ބުނެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
2 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
3 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)