logo

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ތާއީދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 14:55

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އިސްކޮށް ހުންނަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.

https://wamco.com.mv/

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިހާރު ވަނީ ކަނޑައަޅުއްވައި އިޢުލާނު ކުރައްވާފައެވެ.

އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތަށާއި ގައުމުގެ މަސްލަހަތަށް ބަލާއިރު، ދައުލަތަށާއި ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމެވެ. އެހެންކަމުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި މި ހުށަހެޅުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތަކަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެއްކަން އެ ޕާޓީން ފާހަގަކުރެއެވެ.

މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ އިސް ވިޔަފާރިވެރިއެއްގެ ގޮތުން، ސިޔާމް އަބަދުވެސް އިސްކަންދެއްވަނީ ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމާއި އިޖުތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ދެ އިންތިހާބެއް އެއް ތާރީހެއްގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ހުށަހެޅުއްވި ބިލު، މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ޢަމަލުކުރަން ފަށްޓަވާނީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން އެ ބަދަލަށް ތާއީދު ލިބިއްޖެނަމައެވެ.

އެހެންކަމުން، ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު، މި ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ކަނޑައަޅުއްވައި އިއުލާނުކުރައްވާފައެވެ.

މި އިސްލާހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ތާއީދު ކުރެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީން ދަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk