logo

އިންޓަނެޓުގެ ހިދުމަތް ނުލިބުމަކީ ތަރައްގީއާއި އިންސާފަށް އެޅޭ ހުރަހެއް: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 23 ސެޕްޓެމްބަރު 2024 - 21:45

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާގައި ރައީސް މުއިއްޒު"

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާގައި ރައީސް މުއިއްޒު"

ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެހެން ގައުމުތަކާ އެއްގޮތަށް އިންޓަނެޓުގެ ހިދުމަތް ނުލިބުމަކީ އެ ގައުމުތަކުގެ ތަރައްގީއާއި އަދުލު އިންސާފަށް އެޅޭ ހުރަހެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ" ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ސެޝަން ފަށްޓަވައިދެއްވުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ. އެކަން ކުރުމަށްޓަކައި ރައީސްގެ ފަރާތްޕުޅުން ތިން ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ.

ފުރަތަމަ ކަމަކަށް ރައީސް ހުށަހެޅުއްވީ، ޑިޖިޓަލް އިގްތިސާދީ ވެށްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ހަރަކާތްތަކެއް ފެށުމަށެވެ. އަދި އީޖާދުތަކަށް ހިތްވަރުދީ، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މުހިއްމު ކަމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ލަނޑުދަނޑިތަކަށް ވާސިލުވުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ތިންވަނަ ކަމަކަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ޑޭޓާ ޕްރައިވެސީ ނުވަތަ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ޑިޖިޓަލް ވެށްޓެއްގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީއެއް ގާއިމުކޮށްފައިވަނީ އެފަދަ ކަންބޮޑުވުންތަކާ ގުޅޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ. .

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ ވިލުންތެރި އަދި އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

https://wamco.com.mv/
tel:+9607331319