logo

އިންސާނީ ހައްގުތަކަށް އެމެރިކާއިން ވެސް އިހުތިރާމް ކުރަންޖެހޭ: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 ސެޕްޓެމްބަރު 2024 - 23:38

ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި

ރައީސް މުއިއްޒު އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި

ދުނިޔޭގައި ހަނގުރާމަތައް އާއްމުވެފައިވާ މި އަނދިރި ދުވަސްތަކުގައި އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަމަހަމަކަމާއި، އަދުލު އިންސާފާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ އުސޫލުތައް ނަގަހައްޓަންޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ، އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަނަށް އެމެރިކާއަށް ވަޑައިގެން އެ ގައުމުގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ދެއްވި ތަގުރީރުގަ އެވެ.

ރައީސްގެ ވާހަކަފުޅު ފެއްޓެވީ މިހާރު ދުނިޔޭގެ ސުލްހަ މަސަލަސްކަމަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ، އިންސާނީ ހައްގުތައް އަރައިގަތުން މިހާރު އޮތީ ވަރަށް އާދައިގެ ކަމަކަށް ވެފައި ކަމަށެވެ. އިންސާނީ ހައްގުތަަކަށް އަރައިގަތުން އާދައިގެ ކަމަކަށްވެފައި އޮތް އޮތުމަށް އިޝާރާތް ކުރައްވަމުން ރައީސް ވަނީ ދުނިޔޭގެ ގައުމުތަކުގައި މިހާރު ކުރަމުން އަންނަ ހަނގުރާމަތަކާއި، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމަށް އަލިއަޅުއްވާލައްވާފައެވެ.

ދުނިޔޭގެ ސުލްހަ މަސަލަސްކަން ނެގެހެއްޓުމުގައި އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ބޮޑު ދައުރެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، "ހަމަހަމަކަމާއި އަދުލު އިންސާފާއި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ" އުސޫލުތައް ދަމަހައްޓަން އެމެރިކާ އަށް ގޮވާލައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ރާއްޖެއާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކާއި ދުނިޔޭގެ ބޮޑު ބާރެއްގެ މެދުގައި އޮތް ގުޅުން މުހިއްމުވަނީ ރައީސް ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ ބަދަލުވަމުންދާ މަސްރަހާއި އެއްގޮތަށް އެ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް ދެމެހެއްޓުމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ ޖިއޮގްރަފިކަލީ އޮތް ހިސާބުގެ ގޮތުން އިންޑިއާ ކަނޑަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު މި ގައުމަށް ވެސް ކުރާނެ ކަމަށެވެ. އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން ވެސް މަސައްކަތް ކުރަމުންދަނީ އެކަން އެނގިގެން ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު، އިސްރާއީލުން ފަލަސްތީނުގައި ގަތުލުއާންމެއް ހިންގަމުން ގެންދާތާ އަންނަ މަހު އެއް އަހަރު ފުރޭ އިރު، އދ އިން އެކަމާ ދެކޮޅަށް ނިންމާ ކޮންމެ ނިންމުމެއް މިހާތަނަށް ބާތިލް ވަނީ އދ ގައި އޮންނަ ވީޓޯގެ ބާރުންނެވެ. އެމެރިކާއަކީ އދ. ގައި ވީޓޯގެ ބާރު އޮންނަ 5 ގައުމުގެ ތެރެއިން އެއް ގައުމެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ވަނީ އެންމެ ވޯޓަކުން އެތައް ބައެއްގެ އަޑު ކަނޑުވާލާ ހައްގުތައް ނިގުޅައިގަތް އެ ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށް މުޅި ދުނިޔެއަށް ގޮވާލައްވާފަ އެވެ. އަދި ވީޓޯގެ ބާރު ކަނޑުވާލަންޖެހޭ ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ

https://wamco.com.mv/
tel:+9607331319