logo

ރައީސް ސާބިތު ކޮށްދެއްވީ ރާއްޖެ ކުޑަޔަސް ވަރުގަދަ އަޑެއް އޮތްކަން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 ސެޕްޓެމްބަރު 2024 - 19:09

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އދގައި ތަގުރީރުކުރައްވަނީ:

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އދގައި ތަގުރީރުކުރައްވަނީ:

އދ އަކީ ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މެމްބަރު ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ޖަމިއްޔާ އެކެވެ. ޖުމްލަ 193 މެމްބަރު ގައުމުތައް ހިމެނޭ އެ ޖަމިއްޔާގައި، ދިވެހި ރާއްޖެއަކީ އެ ޖަމިއްޔާގައި ހިމެނޭ އެންމެ ކުޑަ އެއް ގައުމެވެ. ކުޑަނަމަވެސް ޖަޒީރާ ގައުމުަތަކުގެ ދިފާުއުގައި އަޑު އުފުލުގައި، މި ކުޑަ ކުޑަ ދިވެހިރާއްޖެ އޮތީ އެންމެ ކުރީގައެވެ.

މިހާރު ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ އަޑުވަނީ ގުގުމާލާފައެވެ. މަޖިލީހުގައި މުޅި ދުނިޔެ ސިއްސުވާލީ މި ކުޑަ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރީމަތީގައި، މި ކުޑަ ޖަޒީރާ ގައުމުގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުތަކަށް މިވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ.

ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ އަޑު އިއްވުން

އދ. ގެ އާއްމު މަޖިލީހުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ "ސަމިޓް އޮފް ދަ ފިއުޗާ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގާއިމުކުރެވޭ ޚާރިޖީ ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވޭ ކަމެވެ. އދ. އަކީ ރަމްޒީ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މަސައްކަތް ކޮށް ނަތީޖާ ނެރެވޭ ތަނަކަށް ހެއްދެވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

" މަލްޓިލޭޓަރަލް ސިސްޓަމަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތަށް ގަރާރަކަށް ފަހު ގަރާރެއް ފާސްކޮށް ފަސް އެޅެންދެން އޮންނަ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މުސްތަގުބަލު ބައްޓަން ކުރަން މަސައްކަތްކޮށް ނަތީޖާ ނެރެވޭ އެއްޗަކަށް ހަދަން ޖެހޭ." ރައީސް

އެމަނިކުފާނު ވަކާލާތު ކުރެއްވީ ކުދި ގައުމުތަކުގެ ހައްގުތަކަށެވެ. އެދުވަހު މުޅި ދުނިޔެއަށް އިއްވަވައިދެއްވީ ޒުވާނުންގެ ޑިމާންޑުތަކާއި ޝަކުވާތަކެވެ. އަޑުއުފުއްލެވީ އަންނަން އޮތް ޖީލުތަކުގެ ހައްގުގަ އެވެ.

"އަންނަން އޮތް ޖީލުތަކުން އަޅުގަނޑުމެންގެ އަމަލުތައް ވަޒަންކުރާނީ ކުރަން ފަށާފަ ހުރި ކަންކަމުންނެއް ނޫން، އެމީހުން ބަލާނީ އަޅުގަނޑުމެން އަޅާ ހަރުދަނާ ފިޔަވަޅުތަކަށް. އެ މީހުން ބޭނުންވަނީ ބަދަލު ގެނެވޭނެ ނިޒާމެއް، ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވޭނެ ހިތްވަރު، ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ ހިތްވަރު، އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ހިތްވަރު، އދ. އަކީ މީހުންގެ އަޑު އަހާ ތަނަކަށް ވާން އެ މީހުން އެދޭ. " ރައީސް

ކުދި ގައުމުތަކުގެ ގޮންޖެހުންތައް މުޅި ދުނިޔެއަށް

ރައީސް ޑރ. މުޢިއްޒުގެ ކޮންމެ ވާހަކަފުޅެއްގައި ވެސް ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަވައެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެފަދަ ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ އެހީތެރިކަން ނުލިބުމެވެ. މަޝްރޫއުތައް ހިންގުމަށް ފައިސާ ނެތުމެވެ. މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ކުދި ގައުމުތަކަށް އެކަންކަމުން އަރައިގަތުމުގެ ގާބިލުކަން ނެތް ކަމެވެ.

މި ގޮންޖެހުންތައް ފާހަގަކުރައްވައި ރައީސް ވަނީ، އެފަދަ ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން އެއްވެސް މީހަކު ބާކީ ނުކޮށް ހަމަހަމަކަން ކަށަވަރުކުރުމަށް މުޅި ދުނިޔެއަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ގައުމުތަކުގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށްޓަކައި ޒަމާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި އުޅެމުންދަނީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި. އެކަމުގެ ސަބަބުން ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތަރައްގީ އާއި އަދުލުއިންސާފަށް ހުރަސް އެޅޭ" ރައީސް

އދ. ޒިންމާދާރުކުރުވުމުގައި ފަހަތަށް ނުޖެހޭނެ

ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު އެއް ތަގުރީރަށް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ރައީސް ދެއްވި ތަގުރީރު ވެގެންދާނެއެވެ. ސަބަބެއް ވެސް ނެތި އެއް ނޫނެވެ. މި ކުޑަ ކުޑަ ގައުމުން ބަންޑުންކޮށްލީ އެތައް ޒަމާންތަކެއް ވަންދެން ގިނަ ބަޔަކު ކުރަމުންދިޔަ ޝަކުވާތަކެވެ.

"މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް، އަދި ނުތިބޭނަންވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް. އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް" ރައީސް

ރައީސް ވަނީ އދ. ހަރުދަނާ ކުރުމަށް ފުޅާ ދާއިރާއެއްގައި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ހަގީގީ، އެދެވޭ ބަދަލު ގެނައުމުގެ ގާބިލުކަން އެ ޖަމިއްޔާގައި ހުންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ. އަކީ ސުލްހައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ހަރަކާތަށް ގޮވާލައްވާފައެވެ.

އދ. ޒިންމާދާރުކުރުވުމުގެ ވާހަކަދައްކާއިރު، ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކައަށް ވެސް ބަލާލަން ޖެހެ އެވެ. ބޮޑެތި އެތައް ގައުމުތަކުން ބުނަން ފަސްޖެހުނު ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުމަށް ގޮވާލައްވަމުން އެމަނިކުފާނު ވަނީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ އެ ތަގުރީރަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. ރައީސްގެ ވާހަކަފުޅަށް މި ބަސްފުޅަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

" ކުޑަ ގައުމެއް، އެކަމަކު ވަރުގަދަ ސްޓޭޓްމެންޓެއް" އަލްޖަޖީރާއިން ޕޯސްޓުކޮށްފައިވާ ރައީސްގެ ތަގުރީރުގެ ވީޑިއޯއަކަށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް. އެކަމަކު ތެދު ބުނުމުގެ ހިތްވަރު އޮތް ގައުމެއް" އެހެން ކޮމެންޓެއްގައި ވެއެވެ.

5 ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ދިވެހި ރާއްޖެ މިވަނީ ސައިޒްއިން ކުޑަނަމަވެސް، އަހަރެމެންނަކީ ފަސްޖެހުމެއްނެތި ބަސް ބުނަން ކުރޭނެ، ޖެހިލުމެއްނެތި ހުރިހާ އެންމެންގެ ހައްގުގައި ވަކާލާތު ކުރާނެ ބައެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ. ކުޑަ ނަމަވެސް ދުނިޔޭގެ ގައުމުތަކުގެ ކުރީމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމެއެވެ.

އދ. ގައި ރައީސް ސާބިތުކޮށްދެއްވީ ރާއްޖެއަކީ ދުނިޔޭގެ ބާރުތަކާއި އދ. ޒިންމާދާރު ކުރުވުމަށް ވަކާލާތު ކުރުމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމެވެ. ބޭރުގެ ނުފޫޒުތަކަށް ދީލާލާނެ ގައުމެއް ނޫން ކަމެވެ.

https://int.etukuri.mv/
tel:+9607331319