ހުރުމުޒު ކަނޑު އޮޅި ބަންދުކުރުމަކީ އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު: އީރާން

ރިޟްވާން މޫސާ - 28 މާރިޗު 2026 - 13:56
އެމެރިކާއާއި ޔަހޫދީ ބޯޓުތަކަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އީރާނަށް މި ޙާލަތުގައި ޝަރުޢީ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އީރާނުން ވަނީ ހުރުމުޒު ކަނޑު އޮޅި ވަގުތީގޮތުން ބަންދުކޮށްލާފަ އެވެ.
މި ކަމުގެ ސަބަބުން މެދުއިރުމަތިން ތެޔޮ ގެންނަ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަމުގެ އަސަރު މިހާރު ދުިނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ކޮށްފަ އެވެ.
އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ.
ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚަމަނާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޤައުމުގެ ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސް ވެރިން ވަނީ ޝަހީދުކޮށްލައިފައެވެ.
ޙަމަލާތަކުގެ ބަދަލުގައި އީރާނުން ވެސް ދަނީ އަމިއްލަ ދިފާޢުގައި ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އެ ގޮތުން ޔަހޫދީ ދައުލަތަށާއި މެދުުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދަލަށް އީރާނުން ދަނީ ޙަމަލާތައް ދެމުންނެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ ހުރުމުޒު ކަނޑުއޮޅި ވެސް އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރި ބޯޓުފަހަރަށް ހުރަސް ނުކުރެވޭނެ ގޮތަށް އީރާނުން ވަނީ ބަންދުކޮށްފައެވެ.
އީރާނުން ވަނީ ހުރުމުޒް ކަންޑު އޮޅި ބަންދުކޮށްފައި އޮތަސް މަދުމަދުން އެފުރުސަތު އެހެން ފަރާތްތަކަށް ދެމުންނެވެ. އެގައުމުން ވަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް އެއްވެސް ވަރަކަށް ނުވަދެވޭހެން ބަންދުކޮށްލާފަ އެވެ.
އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވާފަ އެވެ.
އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރާއި ހަވާލާދީ އީރާންގެ ފާރިސް އަދި ތަސްނީމް ނޫން އޭޖެންސީން ބުނީ، ހުރްމުޒުން ފީއެއް ނެގުމާ ގުޅޭ ބިލު ފަރުމާކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޤާނޫނުހަދާ މަޖިލީހުގެ ޤާނޫނީ ޓީމުން ބިލާ ގުޅޭ އެންމެ ފަހުގެ މަރުޙަލާތައް ފުރިހަމަކުރަމުންދާ ކަމުގައެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، 15 ނުކުތާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އޭނާ ވަނީ އީރާނަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަން އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ނަމަވެސް، އޭގެ ބަދަލުގައި ފަސް ޝަރުޠެއް ކަނޑައަޅައި، އީރާނުން ވަކި ރޭވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލްގެ ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
2 ގަޑިއިރު ކުރިން
ރާއްޖޭގެ އެންމެ ފުންކޮށް ހިއްކާ އެއް ފަޅު "ގިރާވަރު ފަޅު" ހިއްކައި ނިމެނީ
5 ގަޑިއިރު ކުރިން
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
5 ގަޑިއިރު ކުރިން

ޗާގޯސް ހޯދަން ރާއްޖެއިން އިންޓަރނޭޝެނަލް ކޯޓަށް!
9 ގަޑިއިރު ކުރިން


.gif&w=3840&q=75)