
މަސްޖިދުލް ހަސަން އާދަމްް
އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޢަދުލުއިންޞާފަށް: ޚުޠުބާ

އާމިނަތު ޝަޒްލާ - 24 ޖުލައި 2026 - 10:31
އިސްލާމީ މުޖުތަމަޢެއްގެ ހުރިހައި ކަމެއް ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރުމާއި، ޒިންމާދާރުވުމާއި، ޢަދުލުއިންޞާފުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކި މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ، މުޖުތަމަޢުގެ ބަދަހިކަމާއި ތަރައްޤީއަށްޓަކައި ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ވިދާޅުވި ގޮތުގައި، ޤައުމެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ދެމެހެއްޓޭނީ ޢަދުލުއިންޞާފު ޤާއިމުކުރެވިގެންނެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ މީހެއްކަން ފާހަގަކުރައްވައި، ކުށެއް ކޮށްފިނަމަ އެ މީހެއްގެ ފަންތިއަކަށް ބެލުމެއްނެތި ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ވަޒީފާއާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއްކަން ހަނދާންކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، ކޮންމެ މީހަކުވެސް އެމީހަކާ ޙަވާލުވެފައިވާ މަސައްކަތުގައި ތެދުވެރިވެ އިޚުލާޞްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން ޙަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި، ފުރިހަމަ މުސްލިމަކީ އަމިއްލަ އެދުމަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހާ ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ބޯމަތީގައި އޮތް ދީނީ އަދި ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ މިކަން ޙާޞިލުކުރެވޭނީ ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެގެން ކަމަށެވެ. އަދި ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދުނިޔޭގައި ކުރާ ކޮންމެ ކަމަކާމެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، އެކި ފެންވަރުގެ ޒިންމާތަކާއި މަޤާމުތަކާ ޙަވާލުވެތިބި މީހުންނާ، ޤިޔާމަތްދުވަހުން އެކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނެ ކަމަށެވެ. އެހެންކަމުން، މުޖުތަމަޢުގެ ކުރިއެރުމާއި ތަނަވަސްކަން ބިނާވެގެންވަނީ ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާ މިންވަރެއްގެ މައްޗަށް ކަމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވަން ޑރ. މަންޞޫރު ބިން މުތްޢިބު ރާއްޖެއަށް!
17 މިނިޓު ކުރިން

އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުމާއި ތަރައްގީ އަށް ހުރަސް އެޅުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައްވައިފި!
4 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ އަސްލު ރަހަތައް ބެންކޮކަށް ގެނެސްދޭ "މޯލްޑިވިއަން ރެސްޓޯރަންޓް އެންޑް ކެފޭ" ބެންކޮކްގައި ހުޅުވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)