
އެމްޑީޕީގެ ގައުމީ ބައްދަލުވުމުގެ ތެރެއިން.....
އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުމާއި ތަރައްގީ އަށް ހުރަސް އެޅުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައްވައިފި!

ރިޟްވާން މޫސާ - 24 ޖުލައި 2026 - 16:31
އައްޑޫ ސިޓީގެ ރައްޔިތުންގެ ބިންތައް އަތުލައިގަތުމާއި، ތަރައްޤީއަށް ހުރަސް އެޅުން ހުއްޓާލައި، ލާމަރުކަޒީ ޤާނޫނަށް އިޚްތިރާމްކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ރައީސުލްޖުމްހުރިއްޔާއަށް ގޮވާލައްވައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ރަށްތަކާ ސިޓީތަކުގެ އިޚްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުން ކުރުމަށް ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކުގައިކަމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ބޮޑު އަޣުލްބިއްޔަތަކުން އާ ދައުރަކަށް އިންތިޚާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީ ކައުންސިލާއި، އަދި އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިޚްތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިޚްތިސާސް އިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.
ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭނާއި، އިޚްތިސާސުގައިވާ ބިންބޭނުން ކުރާނޭ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވާ ފާސްކޮށް ހިންގުން ކަމަށާއި، ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ އަށާއި، ވަކިން ޚާއްސަކޮށް އައްޑޫސިޓީއަށް އެއްވެސް އެދެވޭ ތަރައްޤީއެއް ގެނެސްދެވިފައި ނުވިޔަސް، ރައްޔިތުންގެ މަޝްވަރާއާއެކު އައްޑޫސިޓީ ކައުންސިލްއިން ވޭތުވެދިޔަ 5 އަހަރު، ރައްޔިތުން ޤަބޫލުކުރާފަދަ މަސައްކަތްތަކެއް ކޮށްދީފައިވާކަން، ނިމިދިޔަ ކައުންސިލް އިންތިޚާބްގެ ނަތީޖާއިން ސާފުކޮށް އެނގެން އޮތްކަމަށެވެ.
މީގެ އިތުރުން ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށްފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާއި އެކު ކަމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައި އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫން ކަމުގައިވެސް މި ބަޔާނުގައިބުނެފައިވެ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ "ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމާއި، އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ޤާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވީ ހިނދު، ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާޤާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް ޕާޓީންއިން ހަރުއަޑުން ގޮވާލާ" ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވަން ޑރ. މަންޞޫރު ބިން މުތްޢިބު ރާއްޖެއަށް!
17 މިނިޓު ކުރިން

ބަންގްލަދޭޝްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ އަސްލު ރަހަތައް ބެންކޮކަށް ގެނެސްދޭ "މޯލްޑިވިއަން ރެސްޓޯރަންޓް އެންޑް ކެފޭ" ބެންކޮކްގައި ހުޅުވައިފި
6 ގަޑިއިރު ކުރިން

އިގްތިސާދު ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ބައިވެރިންނަކީ ދިވެހި ޒުވާނުން: ރައީސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)