
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުން ނިމެނީ

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 12:32
ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާކަން އެ ގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ބަންގްލަދޭޝްގެ "ޑާކާ ޓްރިބިއުން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އެކުލަވައިލާ މި އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. މި އެއްބަސްވުން ތަންފީޒުވާން ފެށުމުން، ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި އަމިއްލަ ގައުމުގައި ފުރިހަމަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމްއާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ނިންމަންޖެހޭ ރަސްމީ އިޖުރާއަތްތައް ނިމުމާއެކު، މާލަސްތަކެއް ނުވެ އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން، މި ފަދަ އެއްބަސްވުމެއްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާނޫނީ އަދި އިންސާނިއްޔަތުކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު އިސްކޮށް ހުންނަވައިގެން އެ ގައުމުގެ ވަފުދެއް ދާދިފަހުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތަކީ ޖަލުގައި ތިބި އެ ގައުމުގެ ރައްޔިތުންގެ ހާލަތު ބަލައި، އެމީހުންގެ ހައްގުތަކާއި ސިއްހީ ކަންކަން ކަށަވަރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ރިޕޯޓްތައް ބުނާގޮތުން ރާއްޖޭގެ ޖަލުތަކުގައި މިވަގުތު ބަންގްލަދޭޝްގެ 44 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 10 މީހަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ކަމަށްވާއިރު، ބާކީ ތިބި 34 މީހުންނަކީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ
4 ގަޑިއިރު ކުރިން

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
5 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ
5 ގަޑިއިރު ކުރިން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)