logo

ފްރޮމް ތިރަންގާ ޓު ޓޯކޮއިސް ކެމްޕޭން ފަށަން ވިޒިޓް މޯލްޑިވްސް އިން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 19 އޯގަސްޓު 2025 - 19:19

ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް "ފްރޮމް ތިރަންގާ ޓު ޓޯކޮއިސް" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފެށުމަށް ވިޒިޓް މޯލްޑިވްސްއިން ނިންމައިފިއެވެ.

https://wamco.com.mv/

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކެމްޕެއިނުގެ ނަން ރަމްޒުކޮށްދެނީ އިންޑިއާގެ ކުލަގަދަ ދިދައިގެ ކުލަތަކުން ރާއްޖޭގެ ވިލު ނޫ މޫދަށާއި ގޮނޑުދޮށްތަކަށް ޒިޔާރަތް ކުރުން ކަމަށެވެ. އަދި ކެމްޕެއިންގެ އަމާޒަކީ ދެ ގައުމު ސަގާފީ ގުޅުން އިތުރަށް ވަރުގަދަކޮށް ފަތުރުވެރިކަމުން އިތުރަށް ގުޅުވާލުން ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކެމްޕެއިނާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އިބްރާޙިމް ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށާއި އެ ގުޅުން އޮތީ ސަގާފީ ގޮތުންނާއި އިތުބާރުގެ މައްޗަށް ބިނާވެފައި ކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ކެމްޕެއިންގެ ތެރެއިން އިންފްލުއެންސާ ކޮލަބޮރޭޝަންތަކާއި، މީޑީއާ ފެމިލިއަރަޒޭޝަން ޓްރިޕްތަކާއި ހަބަރާއި އެހެނިހެން އެޑްވަޓޯރިއަލް ލިއުންތައް އިންޑިއާގެ މަގްބޫލު ނޫސްތަކުގައި ޝާއިއުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއާލައިންތަކާއި މީޑިއާ ޕާޓްނަރުންނާއި ދައިރާގެ އެހެނިހެން ވިޔަފާރިތަކާއެކު ތިން ސިޓީއެއްގައި ކުރިއަށް ރޯޑް ޝޯވްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

2018 ވަނަ އަހަރާއި އަޅާބަލާއިރު ފާއިތުވި ތިން އަހަރު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 130 އިންސައްތަ ވަނީ އިތުރުވެފައެވެ.

2023 ވަނަ އަހަރު އެކަނި ވެސް އެ ގައުމުން ރެކޯޑު އަދަދެއް ކަމަށްވާ 209،193 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މި އަހަރު މިހާތަނަށް އައިއިރު އޭގެ ދެ ބައިކުޅަ އެއްބައި އަދަދަށް ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

އަމާޒަކީ ކެމްޕެއިންގެ ދަށުން މި އަހަރުގެ ނިޔަލަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 200،000 އިތުރުކުރުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ފަތުރުވެރިކަމުގެ ދައިރާގެ ގުޅުންތައް ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay