
ސިނގިރޭޓު ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 11:42
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ރިވެލީގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، އެމީހާ ހައްޔަރުކުރީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންނާއި އެމީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ 44 އަހަރުގެ ޝުކޫރު ޢަލީއެވެ.
މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި، 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި، 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ އުޅެމުންދާ ތަން ބަލައި ފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި، 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކުރި ޝުކޫރު އަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މިމައްސަލަ ފުލުހުން ދަނީ، ތަހުގީގު ކުރަމުންނެވެ.


.jpg&w=3840&q=75)
.jpeg&w=3840&q=75)


