
ޤައުމީ ދުވަސް: އުތީމު މަހާރަދުންގެ މަތިވެރި ޖިހާދާއި ގައުމީ ސަލާމަތުގެ ރަމްޒު

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 12:37
ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ރަސްމީ ޤައުމީ ދުވަހުގެ ގޮތުގައި ކަނޑައެޅިފައިވަނީ މި މަތިވެރި ދުވަހެވެ.
މި ދުވަސް މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ކަސްތޮޅުން ދިވެހި އުންމަތް ސަލާމަތްކުރެއްވުމަށްޓަކައި، ދިވެހި ޤައުމުގެ މަތިވެރި ބަތަލު އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޡަމް ކުރެއްވި މަތިވެރި ޖިހާދާއި، ހޯއްދަވައިދެއްވި ފަޚުރުވެރި ނަޞްރަށެވެ.
މީލާދީން 16 ވަނަ ސައްތައިގެ ތެރޭގައި، ދިވެހިރާއްޖެ އިސްތިޢުމާރީ ބާރެއްގެ ދަށަށް ގޮސް، ބޭރުގެ އަޅުވެތިކަމާ ކުރިމަތިލާން ޖެހުނު ހިނދު، މުޙައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ވަފާތެރި ބައިވެރިން ވަނީ ޕޯޗުގީޒު ލަޝްކަރާ ދެކޮޅަށް މިނިވަންކަމުގެ ވަރުގަދަ ތަހުރީކެއް ހިންގަވާފައެވެ.
ރަސްމީ ތާރީޚީ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، މި މަތިވެރި ޖިހާދުގެ ނަތީޖާއެއްގެ ގޮތުން 1573 ވަނަ އަހަރު، ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ ހޭދަކުރި 15 ވަރަކަށް އަހަރުގެ ދިގު މުއްދަތު ނިމުމަކަށް އައިސް، ދިވެހި އުންމަތަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ.

އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުގެ މި ލާމަސީލު ޖިހާދަކީ ދިވެހި ތާރީޚުގެ ރަން އަކުރުން ފަވާލެވިފައިވާ މުހިންމު ބައެކެވެ. ޤައުމާއި، ރައްޔިތުން އަދި އިސްލާމީ ވަޙުދަތު ދިފާޢުކުރެއްވުމަށް އެމަނިކުފާނު ދެއްކެވި ސާބިތުކަމާއި ހިތްވަރުފުޅުގެ ސަބަބުން، އެމަނިކުފާނަކީ ދިވެހިންގެ ހިތްތަކުގައި އެންމެ މަތިވެރި ޤަދަރަކާއި އިޙުތިރާމެއް ދެވިފައިވާ ޤައުމީ ބަތަލެވެ.
ވީމާ، ޤައުމީ ދުވަހަކީ ހަމައެކަނި ތާރީޚީ ހަނދާނެއް އާކުރުމުގެ މުނާސަބަތެއް ނޫނެވެ. މިއީ ކާބަފައިން ޤައުމަށްޓަކައި ވީ މަތިވެރި ޤުރުބާނީތަކުން ޢިބުރަތް ލިބިގަނެ، ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމުގެ ޢަޒުމް އާކުރުމަށް ދިވެހި ކޮންމެ ދަރިއަކަށްލިބޭ އަގުހުރި ފުރުޞަތެކެވެ.
ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ ދައުލަތުގެ ފެންވަރުގައި ބާއްވާ ޚާއްޞަ އިޙްތިފާލުތަކާއި ތަފާތު ޕްރޮގްރާމްތަކާ އެކުގައެވެ. މިގޮތުން މާލޭގެ ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަކީ، މި މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ އެންމެ ފާހަގަކޮށްލެވޭ ސަގާފީ އަދި ރަސްމީ ޙަރަކާތެވެ.

މީގެ ކުރިން ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާތަކާއި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން، ނައިބު ރައީސާއި ދައުލަތުގެ އިސް ވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ކުރެވޭ ޚާއްޞަ ދުޢާއަށްފަހު، ސިފައިންގެ ބޭންޑުގެ ހައިބަތާއެކު ޤައުމީ ސަލާމް ކުޅުން އޮވެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ފަޚުރާއި ލޯބި އާލާކުރުމެވެ. އަދި އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް އަންގައިދިނުމަށްޓަކައި ތަފާތު ގިނަ ޙަރަކާތްތަކެއް މި ދުވަހުގެ މުނާސަބަތުގައި ރޭވިގެން ކުރިއަށްދެއެވެ.
ޤައުމީ ދުވަހުގެ މުހިންމުކަން، އެކި އަހަރުތަކުގައި ރާއްޖޭގެ ރައީސުން ދެއްވާފައިވާ ޚިޠާބުތަކުން ވަރަށް ބޮޑަށް ހާމަވެއެވެ. ޤައުމުގެ މިނިވަންކަމާއި އަމިއްލަ ސިޔާދަތު ދެމެހެއްޓުމަށާއި، އިސްލާމީ އަގުތަކާއި ދިވެހި ބަހާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ރާއްޖޭގެ ވެރިން އަބަދުވެސް ބާރުއަޅުއްވައެވެ.
2026 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އުފަން ބިމުން، ހއ. އުތީމުގައެވެ. މިއީ އެމަނިކުފާނުގެ މަތިވެރި ޒިކުރާ އާކޮށް، ރާއްޖޭގެ މިނިވަންކަން އަލުން ހޯއްދަވައިދެއްވުމަށްޓަކައި ކުރެއްވި ތާރީޚީ ޖިހާދުގެ ހަނދާންތައް އާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

މިއަދުގެ ދިވެހި ރައްޔިތުންނަށް ގައުމީ ދުވަހަކީ، މި ގައުމުގެ މިނިވަންކަމާއި ސިޔާދަތަކީ އަޅުގަނޑުމެންގެ ކާބަފައިން ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކާއި، ވެވަޑައިގަތް މަތިވެރި ގުރުބާނީތަކުގެ ފޮނި ނަތީޖާކަން ހަނދާންކޮށްދޭ މުހިންމު މުނާސަބަތެކެވެ.
މިއީ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ގައުމީ މަސްއޫލިއްޔަތުތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއްވެސް މެއެވެ. އޭގެ ތެރޭގައި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި، ގާނޫނީ އިމަށް ބޯލެނބުމާއި، އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ބަދަހި އެއްބައިވަންތަކަން ވަރުގަދަކުރުން ހިމެނެއެވެ.
އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ މަތިވެރި ޖިހާދުގެ ޛިކުރާތަކަކީ، ބޭރުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހި ދަރިން އެކަތިގަނޑަކަށް ވެގެން ނުކުތް ހިތްވަރުގަދަ ދުވަސްވަރުގެ ހަނދާންތައް އާކޮށްދެމުން، އެއް ޖީލުން އަނެއް ޖީލަށް ނަގުލުވަމުންދާ ތާރީޚީ ފިލާވަޅުތަކެކެވެ.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު އަޅުގަނޑުމެން މި ބޭނުންކުރާ މިނިވަންކަމާއި އަމިއްލަވަންތަކަމަކީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ހާސިލުކުރެވުނު އަގުހުރި ނިޢުމަތެއްކަން މި މުނާސަބަތުން ހަނދާންކޮށްދެއެވެ.
މިއީ މާޒީގެ ބަތަލުންގެ ޒިކުރާ އާކޮށް، ގައުމުގެ ފަޚުރުވެރި ތާރީޚަށް އިޙްތިރާމްކުރުމާއެކު، ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ވަރުގަދަ އަޒުމުގައި މުސްތަގުބަލާ ދިމާލަށް ފިޔަވަޅު އަޅަންވީ ދުވަހެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ފިއްލަވަން ނޫޅުއްވާ! އެމްޑީޕީން އަޑު އުފުލާނަން: ސިއްޕެ
5 ގަޑިއިރު ކުރިން

ކޮލަމްބިއާގެ ބިންހެލުން: އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމުގެ އުންމީދު ފަނޑުވަނީ
5 ގަޑިއިރު ކުރިން

އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ: ރައީސް
5 ގަޑިއިރު ކުރިން

އަޅުގަނޑުގެ ވެރިކަމެއްގައި އެންމެންވެސް ހަމަހަމަ ވާނެ، ހަމަ ހުރިހައި ޙިދުމަތެއްވެސް ލިބެންވާނެ" ރައީސް
7 ގަޑިއިރު ކުރިން


