logo

ކޮލަމްބިއާގެ ބިންހެލުން: އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމުގެ އުންމީދު ފަނޑުވަނީ

profile

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 12:42

ކޮލަމްބިއާއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ދިރިތިއްބާ ފެނުމުގެ އުންމީދު ވަރަށް ބޮޑަށް ފަނޑުވެއްޖެ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އޮގަސްޓު 10 ވަނަ ދުވަހުގެ ހެނދުނު އައި މި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައެވެ. މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކޮލަމްބިއާގެ ތިންވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ކާލީއަށެވެ. އެ ރަށުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާއިރު، އިދާރާތަކުން މިހާރު އިސްކަންދެމުންދަނީ ގައު ކުނޑިއާއި ކޮންކުރީޓުތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތަށެވެ.

ދިރިތިއްބާ އިތުރު މީހުން ސަލާމަތް ކުރެވުމުގެ އުންމީދު ކުޑަވެފައިވީ ނަމަވެސް، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މުޅިން ހުއްޓައިނުލާނެ ކަމަށް ކޮލަމްބިއާގެ ކާރިސާތަކާ ބެހޭ އިދާރާގެ ވެރިޔާ ޑޭވިޑް ތަމާޔޯ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، މި ކާރިސާގައި މިހާތަނަށް 281 މީހުން މަރުވެ، 3,900 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އަދި 379 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކާލީ އަދި ޕެރެއިރާ ސަރަޙައްދަށް ނިސްބަތްވާ މީހުންނެވެ. މި ބިންހެލުމުގައި 10,500 އަށްވުރެ ގިނަ ގެދޮރާއި، މަދަރުސާތަކުގެ އިތުރުން ހަސްފަތާލުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުރަތަމަ އައި ބިންހެލުމަށްފަހު އެ ސަރަޙައްދުތަކަށް އިތުރު 150 ލޮޅުން (އާފްޓަރޝޮކް) އައިސްފައިވާ ކަމަށްވެސް ރެކޯޑު ކުރެވިފައިވެއެވެ.

އިންޓަރނޭޝަނަލް ރެސްކިޔު ކޮމިޓީން (އައިއާރްސީ) ބުނި ގޮތުގައި، ބޮޑެތި ރަށްތަކުގެ ބޭރުގައިވާ ކުދި އަވަށްތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް ބުއެނަވެންޗޫރާ ފަދަ ސަރަޙައްދުތަކުގައި ހަތިޔާރުއެޅި ގުރޫޕްތަކުން ކާބޯތަކެއްޗާއި އެހީގެ ސާމާނު އަތުލައިގަންނަމުންދާ ކަމުގެ ޝަކުވާތައް ވަނީ ލިބިފައެވެ.

މި ކާރިސާގެ ސަބަބުން ގިނަ ސަރަޙައްދުތަކަކުން ފެނާއި، ގޭސް އަދި ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، ރައްޔިތުން ތިބީ އަސާސީ ޚިދުމަތްތަކަށް ނުހަނު ބޭނުން ޖެހިފައެވެ. ބައެއް ސަރަޙައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް، އެ ސަރަޙައްދުތަކުގެ ޢާންމު ރައްޔިތުން އަމިއްލައަށް ދަނީ މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319