ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރާ ދިން އެއްބާރުލުމާއެކު ދިވެހިރާއްޖެ ދެން ނުދަރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޓްރާންސްފޯމިންގ ޓުމޯރޯގެ ނަމުގައި ބޯހިޔާވަހިކަމުގެ ގިނަ ފުރުސަތުތަކެއް ލިބޭ ގޮތަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު 15 ޕްރޮޖެކްޓެއް އިފްތިތާހު ކޮށްފައިވާއިރު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު ރައީސް ޑރ. މުއިއްޒަށް ވާރުތަވީ ވަރަށް ދަތި ނުރައްކާތެރި އަދި އުނދަގޫ ހާލަތެއް ކަމަށެވެ.
އެއީ ފައިސާގެ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ގައުމު އޮތް ހާލަތެއް ކަމަށާއި ދެންމެ ދެންމެ ގައުމު ބަންގްރޫޓްވެދާނެކަމުގެ ރަނގަބީލު ޖަހަމުން ދިޔައިރު އެ ހާލަތުން އަރައިގަތުމަށް ގޮންޖެހުންތަކެއް ހުރި ހާލަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އޭރު ވެރިކަމުގައި އޮތް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރީ އެމްއެމްއޭގެ ބާރު ކަނޑުވާލުމަށްފަހު މާލީ ނިޒާމް އެފުށް މިފުށަށް ޖެހުމަށް ފަހުގައި ކަމަށެވެ. އަދި އޭގެ ސަބަބުން އުފެދުނު ބިރުވެރިކަން މިއަދު ނެތި ގޮސް ގައުމު ނުދަރާނެކަން ރައީސް މުއިއްޒު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ މިހާރު ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތަށް ވެސް އަލިއަޅުއްވާލައްވާފައެވެ. ބަޖެޓަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ބޯހިޔާވެހިކަމުގެ ފައިސާ އެކުލެވިގެންދާނެ ބަޖެޓެއް ކަމަށެވެ.
އޭގެއިތުރުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ގާތްގަނޑަކަށް ހަތް އިންސައްތައާ ގާތް ކުރާ އަދަދަކަށް ރާއްޖޭގެ އިޤްތިސާދު ކުރިއަރައިގެންދާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
އަންނަ އަހަރު އުމްރާނީ ބޮޑެތި މަސައްކަތްތަކާއި ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕްގެ ތެރެއިން އަންނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކާއި ފައިނޭންޝަލް ސެންޓަރު ޤާއިމުކުރުމުގެ އިތުރަށް އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ޤާއިމުކުރުމާއި އުތުރުގައި ބަނދަރު ހަދަން ފެށުމާއި އުމްރަނީ ބިޔަ މަޝްރޫއުތަކެއް ފެށިގެންދާއިރު ހަރަކާތްތެރި އިޤްތިސާދެއް ރާއްޖޭގައި އޮންނާނެކަމާމެދު ޝައްކު ނުކުރަން - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މިހާރު 6.5 ބިލިއަން ޑޮލަރުގައި އޮތް ޖީޑީޕީ 2028 ވަނަ އަހަރު އަންނައިރު 10 ބިލިއަން ޑޮލަރަށް އިތުރު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޗްޑީސީން އިފްތިތާހުކުރި މި ޕްރޮޖެކްޓުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރުން، މުޅި މާލެ ސަރަހައްދުގެ ތަރައްގީއާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި މި ސަރަހައްދަށް އާ ބައެއް މަޝްރޫތައް ވެސް ހިމެނެއެވެ.
މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް އިފުތިތާހު ކުރި މަޝްރޫއުތަކެކެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.