logo

އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

profile

އައިޝަތު އިނާޝާ - 11 ސެޕްޓެމްބަރު 2024 - 20:15

ފޮޓޯ: މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

ފޮޓޯ: މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް" ގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަލްފާޟިލާ ފާތިމަތު ޝާއިއާއެވެ. އަދި މަސައްކަތާ ހަވާލުވާ ފަރާތްކަމުގައިވާ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިސްމާއިލް ރަޝީދުއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި ބޭއްވުނު މިރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ އާއި ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީނު މުޙައްމަދު އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަ ކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އުތުރުގެ ރަށްތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ރަށު ފެންވަރުގައި އާމްދަނީ އިތުރުވުމަށް މަގުފަހިވާނެކަމަށް ބެލެވޭ ކަމަށާއި އަދި މިކަމުގެ ސަބަބުން ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށްވެސް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


https://wamco.com.mv/
tel:+9607331319