logo

ބުޅާ މަސް ކައްކައި ވިއްކާކަމުގެ ތުހުމަތު ބިދޭސީއަކަށް

profile

ޒިދާން މުޙައްމަދު - 19 އޯގަސްޓު 2024 - 19:20

މާލެ ތެރޭގައި އުޅޭ ބުޅާތައް ހިފައި، އޭގެ މަސް ކައްކައި ވިއްކާކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިމައްސަލަ ފެންމަތިކޮށްފައިވަނީ ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ "ފެލިން" ޖަމްޢިއްޔާއިންނެވެ.

ފެލިން ވެލްފެއަރއަކީ ޖަނަވާރުން، ހާއްސަ ގޮތެއްގައި ބުޅަލުގެ ހައްގުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ޖަމްއިއްޔާއެކެވެ.

އެޖަމްއިއްޔާއިން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، މާލެ ތެރޭގައި އުޅޭ ބުޅާތައް ހިފައި، އޭގެ މަސް ކައްކައި ވިއްކާކަމުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާގެ ވަނަވަރު ހާމަކޮށްފައި ވެއެވެ.

އެމްޑީ އަރަފާތު ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ އަވަށްޓެރި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ގ. ރަނައުރާގެ އާގޭގައި ދިރިއުޅޭ މި ބިދޭސީ މީހާ ބުޅާ މަސް ކައްކައި ޕާރުސަލުކުރަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ކަމަށް ތުހުމަތު ކުރެއެވެ.

އޭނާގެ ފޮޓޯވެސް ވަނަވަރާއެކު ހިމަނާފައިވާއިރު އޭނާ މަސައްކަތްކުރަނީ ވަޅޯމަސް "ބޮންދު" މާރުކޭޓުގައި ކަމަށް ފެލިންއިން ވަނީ ބުނެފައެވެ.

ތުހުމަތުކުރެވޭ މީހާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް، އިމިގްރޭޝަނަށް ނުވަތަ އެ ޖަމްއިއްޔާއަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ނަމަވެސް އިމިގްރޭޝަނުންވެސް ވަނީ އިމިގްރޭޝަންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި އޭނާގެ ވަނަވަރު ހާމަކޮށްފައެވެ.

މާލޭގައި އުޅޭ ބުޅާތަކަށް ފްލީ ޓްރީޓްމެންޓް ދިނުމަށްފަހު, ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަނީ ފެލިން ޖަމްެއިއްޔާއިންނެވެ.

"ފީލައިން ވެލްފެއާ އޯގަނައިޒޭޝަން" އިން ބުޅާތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ފައްޓަވައިދެއްވީ އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާއެވެ. އެ ޖަމިއްޔާއިން ފުރަތަމަ ރަޖިސްޓްރީކުރީ މޭރީބްރައުން ރެސްޓޯރެންޓް ކުރިމަތީގައި އޮންނަ ޕާކިން ސަރަހައްދަށް އެއްވާ ބުޅާތަކެވެ. އެއީ މާލޭގައި އެއްތަނަކަށް އެންމެ ގިނައިން ބުޅާ އެއްވާ އެއް ސަރަހައްދެވެ.

ރަޖިސްޓްރީ ކުރި ބުޅާތައް ފާހަގަ ވާނެހެން ސީރިއަލް ނަމްބަރުގެ އިތުރުން އެ ބުޅަލެއްގެ ޚާއްސަ ނަމުން ޓެގެއް އަޅުވާފައިވެއެވެ.

މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޕެޓް ކެއާ ފެސިލިޓީ ހެދުމުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ފެލްފެއާއިން މި މަހު 19ގައި ވަނީ ފަށައިފަ އެވެ. މި ތަން ހަދާ ނިމުމުން މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންގޮސް އެއަށް ބޭނުންވާ އެކި ފަރުވާތައް ދޭނެ އެވެ.

https://int.etukuri.mv/
tel:+9607331319