logo

ރައީސް މުއިއްޒަށް އޮތް ތާއީދު އިންތިހާބުތަކުން

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 17:42

ރައީސް މުއިއްޒު ޕީއެންސީ ޕޯޑިއަމްއެއްގައި

ރައީސް މުއިއްޒު ޕީއެންސީ ޕޯޑިއަމްއެއްގައި

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ އިތުރުން މި ފަހަކަށް އައިސް ބޭއްވި ގިނަ ބައި-އިލެކްޝަންތަކުން ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަނީ ވެރިކަމުގައި އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ންނެވެ.

އިއްޔެ ބޭއްވި ބައި-އިލެކްޝަން އަށް ފަހު، އިންތިޚާބުތަކުން ލިބެމުން އަންނަ ކާމިޔާބީތައް، އެ ޕާޓީން އަންނަނީ ސޯޝަލް މީޑިއާގައި ފާހަގަކުރަމުންނެވެ. މިހާ ހިސާބުން މި ފަހުގެ ތާރީހުގައި ސަރުކާރުން ހޯދި ބޮޑެތި ކާމިޔާބީތަކަށް ބަލާލާނަމެވެ.


2021 ވަނަ އަހަރުގެ މޭޔަރު އިންތިހާބު:

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެ ޕާޓީން ވާދަކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވިއިރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން މާލޭގެ މޭޔަރުކަން ކޮންޓްރޯލްކުރާތާ ޒަމާންތަކެއްވަނީ ވެފައެވެ.

އިންތިހާބުގައި ރައީސް މުއިއްޒަށްވަނީ 9،305 ވޯޓު ލިބިފައެވެ. އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބުނީ 5،573 ވޯޓެވެ.

މިއީ ތާރީހީ މޮޅެކެވެ. ވެރިކަމުގައި އޮތް އެމްޑީޕީ ޖަވާބުދާރީ ކުރުވުމަށް އިދިކޮޅަށް ލިބިގެން ދިޔަ ބޮޑު ހިތްވަރެކެއެވެ.މިއާއި އެކު ރައީސް މުއިއްޒު މޭޔަރުކަމަށް ވަޑައިގަތީ ބޮޑު ޕްލޭންއަކާއެކުގައެވެ. މާލެ ސަރަހައްދަށް އަޅާނުލައިއޮތް އޮތުން ނިމުމަކަށް ގެނެސް މާލެ ސަރަހައްދަށް އެތައް އުމްރާނީ ބަދަލުތަކެއް ގެނެސްދެއްވިއެވެ.

މޭޔަރު ކަމުގައި ހުންނެވުމަށްފަހު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު، ހުސްވި މޭޔަރު ކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވި ނަމަަވެސް، މިހާރުވެސް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަަސައްކަތްތަކަކީ ރައީސް އޭރު މުއިއްޒު އޭރު އެކަށައެޅުއްވި ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތެވެ.


2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު:

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓި އެވެ. ނަމަވެސް ދެވަނަ ބުރުގައި އިތުރު 12 ފޮއްޓާ އެކު ޖުމްލަ 586 ފޮށި ބަހައްޓާފައިވެއެވެ. އެއީ މާލެ ސަރަހައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާއީ ސަރަހައްދު ތަކުގައި އެއް ފޮށްޓެވެ.

މި އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބުނުއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވާދަކުރެއްވީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ފަރާތުންނެވެ. ސެޕްޓެމްބަރުމަހު އޮތް އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަކަށް ރައީސް މުއިއްޒު ވަޑައިގަތީ 101،635 ވޯޓާ އެކުއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަޑައިގަތީ 86،161 ވޯޓާ އެކުއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާއިރު ރައީސް މުއިއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ 54.04 އިންސައްތައެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ 45.96 އިންސައްތައެވެ. މި ބޮޑު ކާމިޔާބީއާއެކު މިހާރު ވެރިކަމުގައި އޮތީ ޕީއެންސީންނެވެ.


މި އަހަރުގެ މަޖިލިސް އިންތިހާބު

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފެށިގެން ނަތީޖާ އިއުލާނުކުރުމާ ހަމައަށް ވާދަވެރި ކެމްޕެއިންގެ ހަރަކާތްތަކެއް ފެނިގެންދިޔައެވެ. 19ވަނަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން ސަރުކާރަށް ދުއްތުރާކުރަން ފެށުމާއެކު ސަރުކާރުން އަމާޒުހިފީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ނަގާށެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ އާއި ، އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދުމަށް ސަރުކާރުން ނިކުތީ ވަރުގަދަ އަޒުމަކާއި އެކުއެވެ. ސަރުކާރަށް ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތް މިންވަރު ހާމަވެގެންދިޔައީ އެއް ޕާޓީއަކަށް މަޖިލީހުގެ ތާރީޚުގައި ލިބުނު އެންމެ ގިނަ ގޮނޑި ހޯދުމެވެ. 75 ގޮނޑިއާއި އެކު ސްޕަ މެޖޯރިޓީއެއްް ސަރުކާރުން ނެގީއެވެ.

އެއާއެކު ރައްޔިތުން އުއްމީދު ކުރި ފަަދަ މަޖިލީހެއް މިހާރު ދަނީ ފެންނަމުންނެވެ.


ބައި- އިލެކްޝަންތަކުގެ ކާމިޔާބީ:

މެއި 4 ވަނަ ދުވަހު 4 ދާއިރާއެއްގެ ބަައި އިލެކްޝަން ބޭއްވިއެވެ.އަދި 20 ޖުލައިގައި ކައުންސިލްތަކުގެ ބައި އިލެކްޝަން ބޭއްވިއެވެ. މި އިންތިހާބުތަކުން ސަރުކާރު ހިންގާ ޕާޓީވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.ދެން ދައްކަން މިއުޅެނީ ނިމިދިޔަ މާރަންދޫ ބައި އިލެކްޝަނުގެ ވާހަކައެވެ. 16 އަހަރަށްފަހު އެ ރަށުން ޕީއެންސީއަށް ލިބުނު ފުރަތަމަ މޮޅުގެ ވާހަކަ މި ދައްކަނީ ސަބަބުތަކާ ނުލައެއްނޫނެވެ. އެ ރަށުގެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އިންތިހާބުވި އަބްދުލްހަމީދު އަބްދުއްސައްތާރު އިންތިހާބު ކާމިޔާބުކުރެއްވީ 285 ވޯޓުންނެވެ. މި ނަތީޖާއަކީ މުހިންމު ނަތީޖާއެއްކަމަށް ޕާޓީގެ އިސް ބޭފުޅުން ބުރަވަނީ މި ސަބަބާހުރެއެވެ.


ކޮންމެއަކަސް ފަހުގެ އިންތިހާބުތަކުން ދައްކުވައިދެނީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ސިޔާސަތުތަކައް ރައްޔިތުންގެ އޮތް ތާއީދެެވެ.އިންތިކާބުތަކުގެ ކާމިޔާބީ އަކީ ރައީސްގެ ސިޔާސަތު ތަންފީޒުކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެކެއެވެ.

https://int.etukuri.mv/
tel:+9607331319