logo

މާލީ ބަޔާން ހުށަނާޅައި 32 ކެންޑިޑޭޓުން، ފިޔަވަޅު އަޅާނަން: ފުއާދު

profile

އާމިނަތު ޝަފާ - 02 އޯގަސްޓު 2024 - 17:45

އިލެކްޝަން ކޮމިޝަން ގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަން ކޮމިޝަން ގެ ރައީސް ފުއާދު ތައުފީގު

20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅާ ކަމަށާއި އެ ހުރިހާ ކެންޑިޑޭޓުންވެސް ޖޫރިމަނާ ކުރާނެކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އަސްލު ޓީވީއަށް މައުލޫމާތު ހިއްސާކުރަމުން ކޮމިޝަނުން ބުނީ މާލީ ބަޔާން ހުށަނާޅަނީ އެމްޑީޕީގެ 11 ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކާއި، ޕީއެންސީގެ 5 ކެންޑިޑޭޓަކާއި، ޑިމޮކްރެޓްސްގެ 3 ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓަކާއި ޖޭޕީގެ ކެންޑިޑޭޓެއް ކަމަށެވެ.

ފުއާދު ވިދާޅުވީ މި 32 ކެންޑިޑޭޓުން ގާނޫނީ އިމުގެ ތެރެއިން ޖޫރިމަނާކުރާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ މެއިމަހުގެ ތެރޭގައެވެ.މާލީ ބަޔާން ހުށަނާޅައިފިނަމަ އެ ކެންޑިޑޭޓެއްގެ އަދަބަކީ 1 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މާލީ ބަޔާނުގައި ހިމަނަންޖެހޭ މަޢުލޫމާތު ތަކަކީ ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްޞީލު، އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްޞީލުތަކެވެ. މީގެ އިތުރުން އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު، ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އަދި ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތިކަމަށް އަންގައިދިނުމަށްޓަކައި އެ މަޢުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިޤްރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވާނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުން ހުށަހަޅުއްވާ މަޢުލޫމާތާއި ތަކެތި ޢާންމުކޮށް ބެލޭނެހެން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރާނެއެވެ.

https://int.etukuri.mv/
tel:+9607331319