logo

ހިޒްބުﷲގެ ހަމަލާތަކަށް ކެތްނުވެގެން އިސްރާއީލުގެ 2 މިލިއަން މީހުން ބިންގަރާސްތަކުގައި

profile

ސައިފް އަޒުހަރު - 15 އޮކްޓޯބަރު 2024 - 00:09

ލުބުނާނުގެ ތެރެއިން ހުއްޓުމެއްނެތި އިސްރާއީލުގެ ރަށްތަކަށް މިސައިލާއި ރޮކެޓުން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަގެންދެއެވެ.

އެގޮތުން، އިސްރާއީލުގެ ތެލް އަވީވާއި، އިސްރާއީލުގެ މެދުތެރޭގެ ސިޓީތަކާއި، އުތުރުފަޅިއަށްވެސް ރޮކެޓުގެ ވާރޭ އޮއްސަމުން ގެންދާތާ އެތައް އިރެއް ވެއްޖެކަމަށް އަރަބި މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރެއެވެ.

ލުބުނާނުގެ ތެރެއިން އަންނަ ރޮކެޓުތައް އަޔަން ޑޯމުން ވައްޓަމުންދާ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނި ނަމަވެސް، ރޮކެޓާއި މިސައިލް ހަމަލާތައް އިސްރާއީލުގެ ރަށްތަކަށް އަމާޒުވެ، ތަންތަން ގޮވަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވަމުން އެބަ ދެއެވެ.

އަދި އެތައްބަޔަކު ޒަޚަމްވަމުންދާ ކަމަށްވެސް ޚުދު އިސްރާއީލު މީޑިއާއިންވެސް ރިޕޯޓް ކުރަމުންދެއެވެ.

ތެލް އަވީވްގެ އުތުރުގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭހަކަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިކަމުގެ ރިޕޯޓުތައްވެސް ފެތުރެމުން އެބަދެއެވެ.

މިސައިލާއި، ރޮކެޓުތައް އަންނަކަމުގެ އިންޒާރާއެކު، ނުރައްކަލުގެ ޑަނޑޫރާގެ އަޑުފަންގަނޑު މުޅި އިސްރާއީލުން އިވެމުންދާ ކަމަށްވެސް މީޑިއާއިން ރިޕޯޓު ކުރެއެވެ. ނުރައްކަލުގެ ޑަނޑޫރާގެ އަޑާއެކު އާންމުންނަށް ޖެހެނީ ބިންގަރާސްތަކަށް ވަދެ ފިލާށެވެ.

އެގޮތުން، މިވަގުތުވެސް އިސްރާއީލުގެ ދެ މިލިއަނެއްހާ މީހުން ބިންގަރާސްތަކަށް ވަދެ ފިލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާ ރިޕޯޓުތައް ބުނެއެވެ. އަދި އާންމުން ބިރުން ފިލަންދުވާ މަންޒަރުތައް ފެންނަ އެތައް ވީޑިއޯއެއްވެސް އާންމުވެފައި ވެއެވެ.

ލުބުނާނުގެ ތެރެއިން އަންނަ ހަމަލާތަކުން އިސްރާއީލުގެ މަގުތައް ގޮވައި، ތަންތަނާއި ވެހިކަލްތަކުގައި ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވަމުން ދެއެވެ.

އިސްރާއީލު އަސްކަރިއްޔާއާ ހަވާލާދީ، އިސްރާއީލުގެ ހައާރީޒް ނޫހުން ބުނެފައިވަނީ، މިއަދު އެކަނިވެސް ލުބުނާނުގެ ތެރެއިން އިސްރާއީލަށް 115 ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ.

މިހުރިހާ ކަމެއްގެ ސަބަބުން އިސްރާއީލުގެ އާންމުން މިވަގުތު ތިބީ ވަރަށްބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އިސްރާއީލުން ލިބޭ ޚަބަރުތައް ބުނެއެވެ.

https://int.etukuri.mv/
tel:+9607331319