logo

ބެއިރޫތަށް ބޮން ނާޅާނޭކަމުގެ ޔަގީންކަން އެމެރިކާއިން ދީފައިވަނިކޮށް ވަރުގަދައަށް ބޮންއަޅައިފި

profile

ސައިފް އަޒުހަރު - 16 އޮކްޓޯބަރު 2024 - 14:14

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ:

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ:

އުދުވާނީ އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މަދުކުރާނޭ ކަމަށާއި، ޚާއްސަކޮށް ވެރިރަށް ބެއިރޫތަށް ބޮން ނާޅާނޭކަމުގެ ޔަގީންކަން އެމެރިކާއިން ލުބުނާނު ސަރުކާރަށް ދީފައިވަނިކޮށް، އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ބެއިރޫތު ހިމެނޭހެން ލުބުނާނުގެ އެތަން މިތަނަށް ވަރުގަދައަށް ބޮންއަޅައިފިއެވެ.

ވެރިރަށް ބެއިރޫތުގެ ދެކުނު ފަޅީގެ އަވަށްތަކަށް އިސްރާއީލުގެ ޖެޓުތަކުން ބޮންއެޅީ އެމެރިކާއިން ޔަގީންކަން ދިންތާ އެތައް ގަޑިއިރެއް ފަހުންނެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ރޭގައި ވިދާޅުވެފައިވަނީ، އިސްރާއީލުން ވެރިރަށް ބެއިރޫތަށް ދެން ހަމަލާ ނުދޭނޭ ކަމަށާއި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް މަދުކުރާނޭ ކަމުގެ ޔަގީންކަން އެމެރިކާއިން ދީފައިވާ ކަމަށެވެ. އަދި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވަން އިސްރާއީލަށް ޕްރެޝަރކުރަން އެމެރިކާ "ސީރިއަސް" ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

އެކަމަކު، ބޮޑުވަޒީރުގެ އެ ވާހަކަތަކަށް ލުބުނާނުގެ ގިނަ ރައްޔިތުން ތިބީ ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އެއީ، އޮޅުވާލުމެއްކަން އިސްރާއީލުން މިވަނީ ސާބިތު ކޮށްދީފައެވެ.

ބެއިރޫތުގެ ދެކުނު ފަޅީގެ އަވަށްތަކަށް އިސްރާއީލުން ރޭގައި ބޮންއެޅީ، އެ ހިސާބުތަކަށް މިދިޔަ ހަފްތާ ތެރޭގައި ޖެހިޖެހިގެން ވަރުގަދައަށް ބޮންއެޅުމަށްފަހު އެކަން ހުއްޓާލާފައި އޮތުމަށް ފަހުއެވެ.

ކުރީގެ އުދުވާނީ ހަމަލާތަކުގައިވެސް އެތައް ބަޔަކު މަރުވެ، އެތައް ގެއަކާއި، އިމާރާތެއް ބިމާހަމަ ކޮށްލާފައި ވާއިރު، ރޭގެ ހަމަލާތަކުގައި ދެކުނުގެ ޤާނާ އަވަށުން އެކަނިވެސް 15 މީހުން މަރުވެފައި ވެއެވެ. އަދި އިތުރު 15 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ލުބުނާނުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައި ވެއެވެ.

ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބާތިއާއަށް ދިން ހަމަލާތަކުގައި ފޮނުވާލި މިސައިލެއް، އެ ސިޓީގެ މިނިސިޕަލް އިމާރާތަށް އަމާޒުވެ 5 މީހުން މަރުވި ކަމަށް، ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މަރުވި 5 މީހުންގެ ތެރޭގައި، އެވަގުތު އެ އިމާރާތުގައި ހުންނެވި އެ ސިޓީގެ މޭޔަރ އަހްމަދު ކާހިލްވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ފަހުން، ފުރަތަމަ ފަހަރަށް މިއަދުވަނީ ދާހިޔާއަށްވެސް ވަރުގަދައަށް ބޮންއަޅާފައެވެ.

ލުބުނާނުގެ އެކި ހިސާބުތަކަށް ބޮންއަޅައި، ގެތަކާއި އިމާރާތްތަކާއި، އާންމު ޚިދުމަތްދޭ ތަންތަން ގޮއްވާލުމަށްފަހު ދުންގަނޑު އަރައިގެންދާ މަންޒަރު ދުނިޔެއަށް ދެއްކުމަށްފަހު ބުނަމުންދަނީ، އެމީހުން ހަމަލާދިނީ ހިޒްބުﷲގެ ހަތިޔާރު ގުދަންތަކަށް ކަމަށެވެ.

އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ އެކި ހިސާބުތަކަށް ބޮންއަޅަން ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ލުބުނާނަށް އެއްގަމުމަގުން އަރައިގަތީ އޭގެ ހަފްތާއެއް ފަހުންނެވެ.

ލުބުނާނަށް އަރައިގަތް ސަބަބެއް ކަމަށް އިސްރާއީލުން ބުނެފައިވަނީ ލުބުނާނުގެ ދެކުނުން "ހިޒްބުﷲ ސާފުކުރުމަށް" ކަމަށެވެ.

ސެޕްޓެމްބަރު 23 އިން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި ލުބުނާނުގެ 1،350 މީހުން މިހާތަނަށް މަރުވެފައިވާއިރު، އެތައްހާސް ބަޔަކު ޒަޚަމްވެ، އެތައްމިލިއަން މީހުން ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ގޮސްފައި ވެއެވެ.

ހިޒްބުﷲ މުޖާހިދުންގެ ހަމަލާތަކުގައި، ދުޝްމަން ސިފައިންގެ އެތައްބަޔަކު މަރައި، އެތައްސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

https://wamco.com.mv/
tel:+9607331319