logo

އީރާނުގެ ނިއުކްލިއަރ ސައިޓްތަކާއި، ތެޔޮވަޅުތަކަށް ހަމަލާ ނުދޭނޭ ކަމަށް ބުނުމަށްފަހު، އިސްރާއީލުން ބޮޑާހާކަނީ

profile

ސައިފް އަޒުހަރު - 15 އޮކްޓޯބަރު 2024 - 13:09

އީރާނުގެ ނިއުކްލިއަރ ސައިޓްތަކާއި، ހަކަތައާއި، ތެލުގެ ސިނާއަތާ ގުޅުންހުރި ތަންތަނަށް ހަމަލާ ނުދޭނޭ ކަމަށް ބުނުމަށްފަހު، އިސްރާއީލުން ބޮޑާހާކަން ފަށައިފިއެވެ.

އީރާނަށް ދޭން ރާވާފައިވާ ހަމަލާ، އީރާނުގެ ނިއުކްލިއަރ އަދި ތެލާ ގުޅުންހުރި ތަންތަނަށް އަމާޒު ނުކުރާނޭ ކަމުގެ ޔަގީންކަން އިސްރާއީލުން އެމެރިކާއަށް ދީފައިވާ ކަމުގެ ރިޕޯޓްތަކެއް މިއަދު އެމެރިކާގެ މީޑިއާގައި ފެތުރެމުން އެބަދެއެވެ.

އެމެރިކާ ސަރުކާރުގެ ނަން ހާމަނުކުރާ އިސް އޮފިޝަލަކާ ހަވާލާދީ މި ޚަބަރު ފުރަތަމަ އާންމުކުރީ ވޮޝިންޓަން ޕޯސްޓުންނެވެ. އޭގައި ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ އަދި ތެލުގެ ސިނާއަތާ ގުޅުންހުރި ތަންތަނަށް ހަމަލާ ނުދޭނޭ ކަމުގެ ޔަގީންކަން ނަތަންޔާހޫ، އެމެރިކާގެ ރައީސަށް ދީފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި އިސްރާއީލުންދޭ ބަދަލު ހިފުމުގެ ހަމަލާ އަމާޒުކުރާނީ އީރާނުގެ އަސްކަރީ ތަންތަނަށް ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

ވޯލް ސްޓްރީޓް ޖާރނަލްއިން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ އަދި ތެލާ ގުޅުންހުރި ތަންތަނަށް ހަމަލާ ނުދޭނޭ ކަމުގެ ޔަގީންކަން އިސްރާއީލުން ދިނީ، ނަތަންޔާހޫއާއި ބައިޑެން މިދިޔަ ހަފްތާގައި ފޯނުން ދެއްކި ވާހަކަތަކާއި އަދި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާއި އިސްރާއީލުގެ ދިފާއީ ވަޡީރު ޔޯއާވް ގަލަންޓާއެކު ދެކެވުނު ވާހަކަތަކުގައި ކަމަށެވެ.

މި ރިޕޯޓްތަކާއެކު ނަތަންޔާހޫގެ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އޭގައި ބުނެފައިވަނީ، އެމެރިކާއިން ދޭ ޚިޔާލުތަކާއި ވާހަކަތައްވެސް އިސްރާއީލުން އަޑުއަހާނެ ކަމަށާއި، ނަމަވެސް އިސްރާއީލުގެ ގައުމީ މަސްލަހަތަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ނިންމާނީ އަމިއްލައަށް ކަމަށެވެ. އެކަމުގައި އެހެން ބައެއްގެ އަޑު ނާހާނެ ކަމަށެވެ.

އުދުވާނީ އިސްރާއީލުން އީރާނަށް ހަމަލާދޭން އުޅެނީ، އީރާނުން އިސްރާއީލުގެ އަސްކަރީ ތަންތަނަށް ދާދިފަހުން ދިން ވަރުގަދަ މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުން އިސްރާއީލަށް ހަމަލާދިނީ، ލުބުނާނުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން ހަމަލާދިނުމާއި، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ތެހެރާނުގައި ހުންނަވަނިކޮށް ހަމަލާދީ އަވަހާރަކޮށްލުމާއި، ހިޒްބުﷲގެ ލީޑަރު ޝައިޚް ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާއި އަދި ސޫރިޔާ، އިރާގު އަދި ލުބުނާނުގައި އީރާނުގެ އެތައް ކޮމާންޑަރުންނަކަށް ހަމަލާދީ އަވަހާރަކޮށްލުމާއި، އީރާނުގެ މިނިވަންކަމާއި، އިސްތިގްލާލަށް ނުރައްކާކުރަން ފެށުމުންނެވެ.

އީރާނާއި އަދި އީރާނަށް ތާއީދުކުރާ ގައުމުތަކުން ބުނަމުން ގެންދަނީ، އަމިއްލަ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރަން ހަމަލާ ދިނުމަކީ އީރާނަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ.

އީރާނުގެ އެކި ފެންވަރުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އިސްރާއީލުން ބަދަލު ހިފުމުގެ ހަމަލާތަކެއް ދީފިނަމަ އީރާނުން ދޭ ރައްދު ހަމަލާ، ކުރިން ދިން ހަމަލާއަށްވުރެ އެތައްގުނަ ވަރުގަދަ ވާނޭ ކަމަށެވެ. އެކަމަށް އީރާނު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް ވިދާޅުވެއެވެ.

https://int.etukuri.mv/
tel:+9607331319