logo

"އިސްރާއީލަށް ހަތިޔާރުދިނުން ހުއްޓާލަފާނެ ކަމަށް އެމެރިކާއިން އިންޒާރުދިނީ ރިޔާސީ އިންތިޚާބުގެ ވޯޓަށް"

profile

ސައިފް އަޒުހަރު - 16 އޮކްޓޯބަރު 2024 - 00:36

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން (ކ) އަދި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން (ކ) އަދި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފުރުސަތު ދިނުމަށާއި، އެގޮތަށް އަމަލު ނުކޮށްފިނަމަ އެމެރިކާއިން އިސްރާއީލަށްދޭ އަސްކަރީ އެހީ ކަނޑާލާނެ ކަމަށް ބުނެ އެމެރިކާއިން އިސްރާއީލަށް އިންޒާރު ކޮށްފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލަރ ބުނީ، ޣައްޒާއަށް، ޚާއްސަކޮށް ޣައްޒާގެ އުތުރަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންކަމުގައި އެމެރިކާ ކަންބޮޑުވާ ކަންކަން، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާއި، ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ލިޔުމަކުން އިސްރާއީލަށް އާދީއްތަ ދުވަހު އަންގާފައިވާ ކަމަށެވެ.

އެގޮތުން، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމުގައި އިސްރާއީލުން އަމަލުކުރަން އެމެރިކާއިން ބޭނުންވާ ގޮތްތައް، ލިއުމުން އިސްރާއީލަށް ހުށަހަޅާފައިވާ ކަމަށް ތަރުޖަމާނު ބުންޏެވެ.

އެމެރިކާއިން އެންގިގޮތަށް އަމަލުކުރުމަށް އިސްރާއީލަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށާއި، އެމެރިކާއިން އެންގިގޮތަށް އިސްރާއީލުން އަމަލު ނުކޮށްފިނަމަ، އިސްރާއީލާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނޭ ކަމަށާއި، އެގޮތުން އަސްކަރީ އެހީ ދިނުން ހުއްޓާލާނޭ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް ތަރުޖަމާނު ބުންޏެވެ.

އިސްރާއީލުން ޣައްޒާ ސުންނާފަތިކޮށް އެތައްހާސް އާންމުން ޝަހީދުކޮށް، އަދިވެސް ހުއްޓާނުލާ ކުރިއަށްގެންދާ އުދުވާނު ހުއްޓުވުމުގެ ބާރު އެމެރިކާގެ އަތްމަތީގައި އެބަ އޮތެވެ. ނަމަވެސް، ނަސްލުނައްތާލުމުގެ ޖަރީމާއަށް އަހަރު ވެގެންދިޔައިރު، އެމެރިކާއިން އެކަން ނުކުރިއެވެ.

ނުވިތާކަށް، އިސްރާއީލަށް މަދުނުވާ ވަރަށް މިސައިލާއި، ބޮމާއި، އެނޫންވެސް ބަރު ހަތިޔާރު ގެންދަނީ ފޯރުކޮށްދެމުންނެވެ.

ނަތަންޔާހޫގެ އަމުރަށް އިސްރާއީލުގެ އުދުވާނީ ސިފައިން މިހާރު ގެންދަނީ، ޣައްޒާގެ މުޅި އުތުރު، ޣައްޒާގެ އެހެން ހުރިހާ ހިސާބަކާ ވަކިކޮށް ބަންދުކޮށް، އުތުރުގައި ތިބި 4 ލައްކަ މީހުން މަރައި ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ. ގެތަކާއި، އިމާރާތްތަކަށް ކެނޑިނޭޅި ގެންދަނީ ބޮންއަޅައި ގޮއްވަމުންނެވެ.

މިމަސް ފެށުނުފަހުން ޣައްޒާގެ އުތުރަށް އެއްވެސް ވަރަކަށް އިންސާނީ އެހީ އެތެރެކުރުމަށް ފުރުސަތެއް ނުދެއެވެ. ނަތަންޔާހޫއާއި، އިސްރާއީލު ސިފައިންގެ ޕްލޭނަކީ ޣައްޒާގެ އުތުރުގައި ތިބި އެންމެން އެމީހުންގެ ހަމަލާތަކުގައި މަރުވުން ނުވަތަ ބަނޑަށް މަރާލުންކަމަށް، އެމީހުންގެ އަމަލުތަކުން އެނގޭ ކަމަށް އެންމެންވެސް ބުނެއެވެ.

މިކަމާ، އދއާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާތައް އިތުރުވެ އަދި އިސްރާއީލަށް ހަތިޔާރު ދިނުންވެސް ބައެއް ގައުމުތަކުން މަޑުޖައްސަން ފެށުމުން އެމެރިކާއަށް މަޖުބޫރުވެފައިވަނީ ކޮންމެވެސް ފިޔަވަޅެއް އެޅުމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފުރުސަތު ދޭން އެމެރިކާއިން އެންގީ، ދުނިޔޭގެ ޕްރެޝަރާ ހެދި ކަމަށް އަރަބި މީޑިއާ ވަސީލަތްތަކާއި، ދުނިޔޭގެ ބައެއް މީޑިއާތަކުންވެސް ބުނެއެވެ.

އަރަބި ބައެއް މީޑިއާ ވަސީލަތްތަކުން ބުނަނީ، އެމެރިކާއިން އިސްރާއީލަށްދޭ އަސްކަރީ އެހީ ކަނޑާލާނޭ ކަމަށް ބުނެ އިންޒާރުކޮށް އަދި އިންސާނީ އެހީ އެތެރެކޮށް ހާލަތު ރަނގަޅުކުރަން މުހުލަތު ދިނީ، އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނާތީ، އެމެރިކާ ރައްޔިތުންގެ ގެގޮތުގައި ހިމެނޭ އަރަބީންނާއި މުސްލިމުންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ.

އެމެރިކާގެ މުސްލިމް ގްރޫޕްތަކުން މިހާރު ގެންދަނީ، ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސްއަށްވެސް އަދި ޑޮނަލްޑް ޓްރަމްޕަށްވެސް، އެންމެ ވާދަވެރި ސްޓޭޓްތަކުގައި ވޯޓު ނުދޭން ކެމްޕެއިން ކުރަމުންނެވެ. އެ ގްރޫޕްތަކުން ބުނަނީ ކަމަލާއާއި ޓްރަމްޕަކީވެސް އިސްރާއީލުގެ ވާގިވެރިން ކަމަށެވެ.

https://int.etukuri.mv/
tel:+9607331319