logo

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުން އަވަސްކުރަން ޕީއެންސީން ގޮވާލައިފި

profile

ޝުރުފާ މުހައްމަދު - 16 އޮކްޓޯބަރު 2024 - 00:15

އިސްރާއީލް ޕާސްޕޯތުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ މަސައްކަތް އަވަސްކުރަން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ގޮވާލައިފިއެވެ.

އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅީ އިދިކޮޅު އެޕްޑީޕީން މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެެ.

އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް މީޓިން އަކުން ވެސް ވަނީ މިބަދަލު ގެންނަން ނިންމައި އެކަމަށް މަސައްކަތްކުރާނެކަން އިއުލާން ކޮށްފައެވެ.

އެކަމަކު ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ފަހު އެބިލުގެ މަސައްކަތް އޮތީ ކުރިއަށް ނުގެންގޮސް ތާށިވެފައެވެ.

އެކަމާގުޅިގެން ގިނަ ބަޔަކު އޭރުވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މަސައްކަތް އެހިސާބުގައި ހުއްޓިފައި އޮވެ މަޖިލީހުގެ އެ ދައުރު ވަނީ ނިމިފައެވެ. އައު ދައުރު އިއްޔެ ފަށާފައިވާއިރު، އަދިވެސް އެބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ކެބިނެޓް މީޓިންގައި ނިންމި ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހްތައް ވީހާވެސް އަވަހަކަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.

ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހުަލުވިކަމާއެކު ކުރުމަށް ޕީއެންސީން އިލްތިމާސް ކޮށްފައި ވެއެވެ.

އޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާއި ދެކޮޅަށް އަޅުއްވަން ރައީސް ނިންމަވާފައިވާ ފިޔަވަޅުތަކަށް ތާއީދުކުރާ ކަމަށްވެސް ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.


https://wamco.com.mv/
tel:+9607331319