
ގަލޮޅު ދެކުނު ދާއިރާ ޕީއެންސީ ޖަގަހަ ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 23 ފެބްރުއަރީ 2026 - 08:37
ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ޓެކިޓުގައި ވާދަކުރައްވާ ކެންޑިޑޭޓާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ރޭ ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މި ޖަލްސާގައި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެ ޕާޓީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
މި ޖަލްސާގައި، ޕީއެންސީން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް އާއި ކައުންސިލަށް ވާދަކުރާ މެމްބަރުން ބައިވެރިވިއެވެ.
މީގެ އިތުރުން ޖަގަހަ ހުޅުވުމުގެ ހަފްލާގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާޝިއަތު އަލައިކާ އަދުނާނު ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ) އާއި، އެ ދާއިރާގެ އަންހެނުންގެ ތަރައްގީގެ މެންބަރުކަމަށް ވާދަކުރައްވާ ފާތިމަތު އައިނީޒް (އައިނީ) ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ދޮރުން ދޮރަށް ބާއްވާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މައްޗަންގޮޅީގައި ޕީއެންސީގެ ފަރާތުން ބޭއްވި ދޮރުން ދޮރަށް ހަރަކާތާއި މާފަންނުގައި ބޭއްވި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ރައީސް މުއިއްޒު ޕާޓީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން ވަނީ ބައިވެރިވެފައެވެ.






.gif&w=3840&q=75)