
ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަޖިލިސްގެ ދައުރު މުހިއްމު: އަބްދުއްރަހީމް

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 07:57
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ގާނޫނު ހަދާ މަޖިލިސްތަކުން އަދާކުރާ ދައުރުގެ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ޕާލިމެންޓަރީ ނެޓްވޯކްގެ 5 ވަނަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ސަރުކާރުގެ މަސައްކަތްތައް ހަރުދަނާކޮށް ޒިންމާދާރުކުރުވުމަށް މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.
މިގޮތުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ކުރާ މަސައްކަތްތަކާއި، ދައުލަތުގެ ބަޖެޓް ދިރާސާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް މުރާޖައާކުރުން ފަދަ ކަންކަމަކީ ނުހަނު ބޭނުންތެރި ދައުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފާރަވެރިވުމުގެ ސަބަބުން ބޯހިޔާވަހިކަން، ދަތުރުފަތުރު، ފެނާއި ނަރުދަމާ، ހަކަތަ އަދި ކުނި މެނޭޖުކުރުން ފަދަ އަސާސީ ދާއިރާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ދެމެހެއްޓެނިވި އަދި ނަތީޖާ ނެރެވޭނެ އިންވެސްޓްމަންޓްތަކަކަށް ހެދުމަށް މަގުފަހިވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ނާމްގެ މެންބަރު ގައުމުތަކުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގައި މަޖިލިސްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނުރައްކާތަކަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމުގެ އިތުރުން ފެންބޮޑުވުން ފަދަ މޫސުމީ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަކީ، ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ އިސް މަސައްކަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މިހާރުގެ ނާމާން މަޝްރަޙާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައި، އޭގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިޞާދީ އަދި އިންސާނީ ނުރައްކާތަކުގެ މައްޗަށް ޢަބްދުއްރަޙީމް ބައްލަވައިލެއްވިއެވެ. އަދި އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލައި، މަޝްވަރާގެ އުޞޫލުން ސުލްޙަވެރި ޙައްލެއް ހޯދުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، އަންނަން އޮތް ޖީލުތަކަށް އުއްމީދީ މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ބައިނަލްއަގްވާމީ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
19 ގަޑިއިރު ކުރިން
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ: އީސީ
21 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ
ދުވަހެއް ކުރިން

ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރ ސެޓް ބޭނުންކުރަން ފަށައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)