
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ތައާރަފްކޮށްދެއްްވައިފި

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 08:01
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބާސެލޯ ނަސަންދުރާގައި އުރީދޫ މޯލްޑިވްސްއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއަށް ޕޭޕަލް ގެ ހިދުމަތް ތަޢާރަފުކޮށްދެއްވައިފިއެވެ.
އުރީދޫ ފިންޓެކް މެދުވެރިކޮށް ތަޢާރަފުކުރި މި ހިދުމަތާއެކު، ކަސްޓަމަރުންގެ ޕޭޕަލް އެކައުންޓްތައް އެމް ފައިސާއާ ގުޅުވާލައިގެން، ބޭރު ގައުމުތަކުން ފޮނުވާ ފައިސާ ސީދާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސްކަމުގެ މަޤާމުގެ ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެއް ފުއްދެވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އުފެއްދުންތެރި ޒުވާނުންނާއި އީޖާދުވެރިންނާ ކުރެއްވި މަޝްވަރާތަކަށް އަލިއަޅުވާލެއްވިއެވެ.
އެ ފަރާތްތަކަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ފުރުޞަތު އޮތް ނަމަވެސް، ރާއްޖެއަށް ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ފަރާތްތަކެއް ކަމަށާއި، ދުނިޔޭގެ ބާޒާރުން ތަކެތި ގަނެވުނު ކަމުގައިވިޔަސް އެމީހުންގެ ހުނަރުތައް ބޭރުގެ ބާޒާރުތަކަށް ވިއްކުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިފަދަ މަސްނޫޢީ ހުރަސްތަކުގެ ދައުރު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޚިދުމަތަކީ ސަރުކާރުގެ "ވިޝަން 2040" އިސްތިރާތީޖީގެ ދަށުން، ރާއްޖެއަކީ ތަރައްޤީވެފައިވާ މުއްސަނދި ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) މަދުވެގެން 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުން ހިއްސާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ އަތުން ސީދާ ޑިޕޮސިޓް ފައިސާ ހޯދުމަށާއި، ޑައިވް ސުކޫލްތަކަށް ބޭރުގެ ބުކިންގްތައް ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އަތްތެރި މަސައްކަތްތެރިންނާއި ފްރީލާންސް މަސައްކަތްތެރިންނަށް އެމީހުން ތިބި ތަނެއްގައި ތިބެގެން ދުނިޔޭގެ ކޮންމެ ތަނަކަށްވެސް އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ރާއްޖޭގެ އުފެއްދުންތެރި އަދި ވިޔަފާރިވެރި މުޖުތަމަޢަށް އެހީތެރިވުމުގެ ގޮތުން، ހާއްސަ ފައިނޭންސިންގް އަދި މައިކްރޯ ފައިނޭންސިންގް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތަފުސީލުވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއް!
ގަޑިއިރެއް ކުރިން

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ގެނެސްފި
3 ގަޑިއިރު ކުރިން

ރާއްޖެއިން ޔޫޢޭއީ އާއި ގަތަރަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުންދީފި
3 ގަޑިއިރު ކުރިން

ސޯދިގް މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)