
މަޝްއަރު ޖަމާއަތުގެ ވެރިޔާ 3 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2025 - 13:48
މަޝްއަރު ޖަމާއަތުގެ ވެރިޔާ އަލީ ފާރިޝް 3 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މަޝްއަރު ޖަމާއަތުގެ ފަރާތުން އުމްރާއަށް ދިޔަ މީހުންގެ ޓިކެޓް ކެންސަލްވެ ސައުދީގައި ތާށިވި މައްސަލައިގައި ފާރިޝް 3 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަޝްއަރު ގުރޫޕުގެ ހަވާލުގައި ޖުމްލަ 56 މީހުން ޢުމްރާއަށް ދިޔައެވެ.
ދެކޮޅު ޓިކެޓަށް ވެސް ފައިސާ ދައްކައިގެން ދިޔަ މީހުންގެ ތެރެއިން މާލެ ނާދެވި މައްކާގައި 48 މީހުންނަށް މަޑުކުރަން ޖެހުނެވެ.
އެގޮތުން އެ ޓިކެޓުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 390،126 ރުފިޔާ ނެގޭ ގޮތަށް އޭސް އޭވިއޭޝަން ސާވިސް އަށް ދޫކުރި ޗެކާއި 156،050 ރުފިޔާ ނެގޭ ގޮތަށް ދޫކުރި ޗެކްތައް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތި ޗެކްތައް ބައުންސްވީ އެވެ. ޗެކް ބައުންސް ވުމާއެކު އުމްރާވެރިން އަމިއްލައަށް ީމެކްޓް ނެގުމަށް މަޝްއަރު ގްރޫޕުން އެންގިއެވެ.
މި މައްސަލައާއި ގުޅިގެން އެ ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ ބާތިލްކޮށް، އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި އެ ގްރޫޕުގެ ވެރިޔާގެ ޙައިސިއްޔަތުން ފާރިޝްގެ މައްވަށް އުފުލީ މަކަރާއި ހީލަތް ހެދުމުގެ ދައުވާއެވެ.
އެ މައްސަލައިގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ފާރިޝް ބުނީ، ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި އެގޮތުން އެ މީހުން އެދުނު ގޮތަށް ފުރަތަމަ ފަހަރު 100،000 ރުފިޔާ ޖަމާކޮށްދިން ކަމަށެވެ.
އަދި ޓިކެޓުތަކަކީ ރިޓާން ޓިކެޓުތަކެއްގެ ގޮތުގައި ދޫކޮށްފައިވާ ޓިކެޓުތަކަކަށް ވާއިރު، އެންމެ ފަހު ވަގުތު ޓިކެޓުތަކުގެ ރިޓާން ކެންސަލްކުރުމުން، ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އެ މައްސަލައިގައި ކޯޓުން ކުރި ޙުކުމުގައި ބުނީ، ސްރީލަންކަން އެއާލައިނާއި ޤަތަރު އެއާލައިނުން 48 މީހުންގެ ޓިކެޓު އެ ގްރޫޕުން ނަގާފައިވާއިރު، އެ ގްރޫޕުން އެދިގެން ބުކްކުރި ޓިކެޓުތަކުގެ ތެރެއިން ރިޓާން ޓިކެޓުތައް ކެންސަލްކުރަން ޖެހި އެ މައްސަލައިގައި ގެއްލުން ލިބުނު ފަރާތަށް ކެންސަލޭޝަން ފީއެއް ވެސް އެއާލައިނަށް ދައްކަންޖެހުނު ކަމަށެވެ.
އެހެން ނަމަވެސް އެ އެއާލައިނަށް ދައްކަން ޖެހޭ ޓިކެޓުގެ އަގު ވެސް އޭނާ ދައްކާފައިނުވާ ކަމަށް ވެސް އެ ޙުކުމުގައި ބުނެފައިވެއެވެ.
ފާރިޝްގެ މައްޗަށް އުފުލި ދައުވާތަކަށް އޭނާ ދެކޮޅު ހެދި ނަމަވެސް، އެ މައްސަލައިގެ ޙުކުމުގައި ވަނީ ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލުމާއެކު، އޭނާގެ ފަރާތުޖް އޭސް އޭވިއޭޝަނާއި އޭސް ޓެރްވަލްސްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321 ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ ކުރިންވެސް ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި ބައެއް ކުންފުނިތަކުން މަކަރާއި ހީލަތް ހަދަމުންދާކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނޭޝަނަލް ފާރިޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައި ކުއްޖަކު އުފަންވެއްޖެ
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި
4 ގަޑިއިރު ކުރިން

މިހާތަނަށް ރާއްޖެއަށް 40 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި: ޓޫރިޒަމް މިނިސްޓްރީ
7 ގަޑިއިރު ކުރިން

ވައި ނުސާފުވާތީ ސަމާލުވާން އަންގައިފި
8 ގަޑިއިރު ކުރިން


