
ރިޕޯޓް: ޖުމްހޫރިއްޔަތުގެ ސިފަ ގެއްލިއްޖެ!
ބާރުތައް މުށުތެރޭގައި، ބިންތައް ބޭރުގެ ފަރާތްތަކަށް: ޖުމްހޫރިއްޔަތުގެ ސިފަ ގެއްލިއްޖެ!
.png&w=3840&q=75)
އަހުމަދު ޖަމީލް - 11 ނޮވެމްބަރު 2026 - 07:43
ދިވެހި ފަސްގަނޑުގައި ޖުމްހޫރީ ވެރިކަމެއްގެ ބިންގާ އެޅިގެންދިޔައީ، ދަޢުލަތުގެ އެންމެހައި ބާރުތަކުގެ އަސްލަކީ ދިވެހި ރައްޔިތުން ކަމުގައި ކަނޑައަޅައި، ޢަދުލުއިންޞާފާއި ހަމަހަމަކަމުގެ މަތިވެރި އުޞޫލުތައް ނަގަހައްޓާނެ ކަމުގެ އުއްމީދީ ވަޢުދާ އެކުގައެވެ. ނަމަވެސް، ޤައުމީ ފެންވަރުގައި ޖުމްހޫރިއްޔަތުގެ ޝިޢާރުތައް އައުކުރަމުންދާއިރު މިއަދު އުފެދޭ އެންމެ ހިތްދަތި ސުވާލަކީ، މި ޤައުމު މިއަދު މި އޮތީ ޙަޤީޤީ ޖުމްހޫރިއްޔަތެއްގެ ހިޔަލުގައި ބާވައެވެ؟ ނުވަތަ މި ނިޒާމުގެ އަސްލު ސިފަތައް ގެއްލި، މުޅި ވެރިކަން ޚުދުމުޚުތާރު އަނދިރިގަނޑެއްގެ ތެރެއަށް ޣަރަޤުވެއްޖެ ބާވައެވެ؟
ޖުމްހޫރީ ވެރިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި، ދަޢުލަތް ހިންގުމުގައި އޮންނަންޖެހޭ ދެފުށް ފެންނަ، ޖަވާބުދާރީވަނިވި ހަރުދަނާ ނިޒާމެވެ. އެއްވެސް ފަރާތަކަށް މުތުލަޤު ބާރުތަކެއް ލިބިގެން ނުދިއުމާއި، ޤާނޫނުގެ ކުރިމަތީގައި އެންމެ މަތީ ވެރިޔާއިން ފެށިގެން ކޮންމެ ރައްޔިތަކާ ހަމައަށް އެންމެން ހަމަހަމަވެ، ކޮންމެ ފަރުދެއްގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައި އޮތުމެވެ. ޖުމްހޫރިއްޔަތެއްގެ ޙަޤީޤީ ރޫޙަކީ ރައްޔިތުންނަކީ ދަޢުލަތުގެ ޙަޤީޤީ ވެރިން ކަމުގައި ބަލައިގަނެ، އެ ރައްޔިތުންގެ މިނިވަން އަޑު އެންމެ އުހުގައި އިއްވުމުގެ ފުރުޞަތު ފަހިވެފައި އޮތުމެވެ.
އެހެންނަމަވެސް، ފެހި ޤާނޫނުއަސާސީން ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދި ޝަރުޢީ ދާއިރާގެ ބާރު ވަކިވަކިން ކަނޑައަޅައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާނެ ވަރުގަދަ ނިޒާމެއް އެކަށައަޅާފައި އޮތް ނަމަވެސް، މިއަދު ދަޢުލަތުގެ އެންމެ މަތީވެރިޔާގެ ކިބައިން ފެންނަނީ ޖުމްހޫރިއްޔަތުގެ މި މަތިވެރި ޖައުހަރު މުޅިން ފުނޑުފުނޑުކޮށްލާފައިވާ ހިތާމަވެރި މަންޒަރެވެ. ދަޢުލަތުގެ ތިންބާރު އެކީގައި އަމިއްލަ މުށުތެރެއަށް ޖަމާކުރައްވައި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި، އަދި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ސީދާ އެމަނިކުފާނުގެ ބާރުގެ ދަށަށް ދަޢުލަތުގެ މުޅި ނިޒާމު ގެންގޮސްފައިވާކަމީ މިއަދު ފެންނަން އޮތް ހިތި ޙަޤީޤަތެކެވެ. ވެރިކަމުގެ ބާރުތައް ވަކިވެފައި އޮތުމުގެ ރީތި ނިޒާމު މުޅިން ކިލަނބުކޮށްލުމުގެ ސަބަބުން، މުޅި ދަޢުލަތް މިވަނީ އެންމެ ވެރިއެއްގެ އިޝާރާތަށް ހިންގާ އަމިއްލަ މިލްކިއްޔާތަކަށް ބަދަލުވެފައެވެ.
މި ނުރައްކާތެރި ޙާލަތުގެ އިތުރުން، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލުގެ އެންމެ ފުނަށް ގުޑުން އަރުވާލާފައިވަނީ، ދިވެހިރާއްޖޭގެ އަގުހުރި މިލްކިއްޔާތުތައް ބޭރު ފަރާތްތަކަށް ދޫކޮށްލަމުންދާ ގޮތުންނެވެ. ދިވެހި ދަޢުލަތުގެ މިލްކިއްޔާތުގައިވާ ރަސްމާލޭގެ 500 ހެކްޓަރުގެ ބޮޑު ބިން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް އެއްވެސް އަގަކާ ނުލައި ހިލޭ ދޫކޮށްލުމަށް ރާވާ ހިންގާ ޢަމަލަކީ ދިވެހި ޤައުމިއްޔަތުގެ ފޭރާން ވީދާލުން ފަދަ ބޮޑު ޚިޔާނާތެކެވެ. ޖުމްހޫރިއްޔަތެއްގައި ޤައުމުގެ ބިމުގެ ޙަޤީޤީ ވާރުތަވެރިންނަކީ ދިވެހި ރައްޔިތުންނަށް ވާއިރު، ރައްޔިތުންނަށް އެއްވެސް މިންވަރަކަށް ކަންކަން ހާމަކުރުމެއް ނެތި، ބޭރުގެ ކުންފުންޏަކަށް ރަސްމާލެއިން މިފަދަ ބިޔަ ބިމެއް ހިލޭ ދީލައިލުމަކީ ޤައުމުގެ ސިޔާދަތާއި މިނިވަންކަން ބޭރުގެ ބާރުތަކުގެ ދަށަށް ދޫކޮށްލުން ފަދަ ނުރައްކާތެރި ޢަމަލެކެވެ.
ހަޤީޤަތަކީ، ޤައުމުގެ އެންމެހައި ބާރުތައް އެންމެ ވެރިއެއްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ކާބަފައިންގެ އަގުހުރި ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ބަހާލެވޭ ހިސާބުން، އެ ޤައުމެއްގައި "ޖުމްހޫރިއްޔަތެއްގެ އެއްވެސް ސިފައެއް" ދެން ނޯންނާނެ ކަމެވެ. ނަންބޯޑުގައި "ޖުމްހޫރިއްޔާ" ޖަހައިގެން އުޅުނަސް، ރައްޔިތުންގެ ބާރާއި މިނިވަންކަން ނިގުޅައިގަނެވިއްޖެނަމަ އެއީ ހަމައެކަނި ދެއްކުންތެރި ކަމެކެވެ. މިއަދު ދިވެހި ރައްޔިތުން ހޭލަންވެއްޖެއެވެ. ޤައުމުގެ ޖުމްހޫރިއްޔަތު އަލުން އަނބުރާ ހޯދައި، ގެއްލިފައިވާ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމަށް ރައްޔިތުން އަޑުއުފުލަންޖެހެއެވެ. މި ޤައުމަކީ ވަކި ވެރިއެއްގެ ޒާތީ މިލްކެއް ނޫން ކަމާއި، ދަޢުލަތުގެ އެންމެހައި ބާރުތަކުގެ އަސްލަކީ ދިވެހި ރައްޔިތުންކަން ޢަމަލުން ދައްކުވައިދޭން މިއަދު މިވަނީ ވަގުތު ޖެހިފައެވެ!
ގުޅުން ހުރި ޙަބަރުތައް

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
ގަޑިއިރެއް ކުރިން

ސިޔާސީ ބާރުވެރިކަން ހިފެހެއްޓުމަށް ނަތަންޔާހޫގެ ގަދައަޅާ މަސައްކަތް ކުރަނީ
ގަޑިއިރެއް ކުރިން

ވިޔަފާރީގެ ކުޑަބޮޑުމިނަކަށް ނުބަލަން: މީރާގެ ރައްދު ގަވަރުނަރަށް!
4 ގަޑިއިރު ކުރިން

އިންޑިއާގެ ކާރުހާނާއެއްގައި ހިނގި ހާދިސާއެއްގައި 3 މީހުން މަރުވެއްޖެ!
ދުވަހެއް ކުރިން


