logo
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ވިޔަފާރީގެ ކުޑަބޮޑުމިނަކަށް ނުބަލަން: މީރާގެ ރައްދު ގަވަރުނަރަށް!

profile

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 09:28

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ވިޔަފާރިތަކުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ބުނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްކެވި ވާހަކަފުޅުތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ރައްދު ދީފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ޓެކްސް އިދާރާއިން ދާންވީ ހަމައެކަނި ކަންމަތީ ފިހާރަތަކަށް ނޫން ކަމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރިސޯޓްތައް ވެސް އޮޑިޓްކުރަންޖެހޭ ކަމަށެވެ. އެގޮތުން، ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ 3.8 ބިލިއަން ޑޮލަރު ކަމަށާއި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ މީރާގެ ޒިންމާއެއް ކަމަށް ވިޔަސް، އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަ ކަމަށް ގަވަރުނަރު ވަނީ ތުހުމަތު ކުރައްވާފައެވެ.

މި ވާހަކަތަކާ ގުޅިގެން މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީއާ ގާނޫނުން މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ގާނޫނުތައް ތަންފީޒު ކުރުމާއި ޓެކްސްއާ ބެހޭ ސިޔާސަތުތައް ހިންގުމާއި ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ބެލެހެއްޓުން ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބު ކުރަނީ ގާނޫނުތަކާ އެއްގޮތަށްތޯ ބަލައި، ޒިންމާ އަދާކުރާކަން ކަށަވަރު ކުރުމަކީ މީރާގެ ގާނޫނީ ވާޖިބެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

"މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒު ކުރުމަކީ މީރާއިން ފެށުނީއްސުރެން ވެސް އަމަލުކުރަމުންދާ އުސޫލެވެ،" މީރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީރާއިން އިތުރަށް ބުނެފައިވަނީ، އޮޑިޓްކުރާނެ ފަރާތްތައް ކަނޑައަޅަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި، އެކަން ކުރަނީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އެކުލަވާލާފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަކަމާ އެކު ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ ހިމެނޭހެން އެހެން ހުރިހާ ދާއިރާތަކެއްގެ ވިޔަފާރިތައް ވެސް މީރާއިން ގަވާއިދުން އޮޑިޓް ކުރަމުންދާ ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާއިން ކަމަށް ވެސް މީރާއިން ހަނދާންކޮށްދިނެވެ.

މީގެއިތުރުން، ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް މީރާގެ ބަޔާނުގައިވެ އެވެ. އަދި އެ އޮތޯރިޓީގެ މަގުސަދަކީ ވިޔަފާރިތަކަށް އެހީތެރިވެދީގެން ޓެކްސް ދެއްކުން އިތުރުކުރުން ކަމުގައި ވިޔަސް، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319