logo
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފޮޓޯ: އަލް ޖަޒީރާ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފޮޓޯ: އަލް ޖަޒީރާ

ސިޔާސީ ބާރުވެރިކަން ހިފެހެއްޓުމަށް ނަތަންޔާހޫގެ ގަދައަޅާ މަސައްކަތް ކުރަނީ

profile

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 12:05

އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް ސިޔާސީ ގޮތުން ގަދަވެގަންނަމުންދާ ދަނޑިވަޅެއްގައި، ވެރިކަމުގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

https://wamco.com.mv/

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގައި ނަތަންޔާހޫގެ ކޯލިޝަން ބަލިވި އިދިކޮޅު ބްލޮކާ ގުޅިގެން މަސައްކަތް ކުރުމަށާއި، ގައުމީ އެއްބައިވަންތަކަމުގެ ވާހަކަތައް ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ދައްކަވާފައެވެ. މިއީ ނަފުރަތާއި ޒާތީ ހަމަލާތަކުން ފުރިގެންދިޔަ އިންތިޚާބީ ކެމްޕޭނުގެ ރޫހާ މުޅިން ތަފާތު މިސްރާބެކެވެ.

އިސްރާއީލުގެ ރައީސް އިސާކް ހަރްޒޮގް، ކުރީގެ ޗީފް އޮފް ސްޓާފް ގަޑީ އައިޒެންކޮޓްއާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ހޮނިހިރު ދުވަހު، ނަތަންޔާހޫ ވަނީ މީސްމީޑިއާގައި ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ، އިސްރާއީލު ނައްތާލަން ބޭނުންވާ ކަމަށް އޭނާ ތުހުމަތުކުރާ އަރަބި ޕާޓީތަކުގެ ތާއީދާއެކު ސަރުކާރެއް އެކުލަވާލައިފިނަމަ، ގައުމުގައި ހަގީގީ ދާހިލީ ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތް ކަމަށް ބުނެ ބިރުދައްކަން މަސައްކަތް ކޮށްފައެވެ.

ސަރުކާރެއް އެކުލަވާލުމުގެ ކުރިން ހިނގާ ދިގު އަދި އުނދަގޫ މަޝްވަރާތަކާ ގުޅޭގޮތުން އިސްރާއީލް ސަރުކާރުގެ ކުރީގެ މުޝީރު ޑެނިއަލް ލެވީ ވިދާޅުވީ، މިއީ މިވަގުތު ކުޅޭ ސިޔާސީ ކުޅިވަރެއް ކަމަށެވެ. މީގެ ތެރޭގައި ނުފޫޒު ފޯރުވުމާއި، އެކަކު އަނެކަކަށްވުރެ ކުރިހޯދުމަށް މަސައްކަތްކުރުމާއި، ނަފްސާނީ އުކުޅުތައް ބޭނުންކުރުމުގެ އިތުރުން ހަގީގަތް އޮޅުވާލުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންގާރަ ދުވަހު އާ ކްނެސެޓް (ޕާލަމަންޓް) ހުވާކުރުމާއެކު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ހަރުކަށި ފިކުރުގެ ޔަހޫދީ ނުވަތަ 'ހަރީދީ' ޕާޓީތަކުން އަދާކުރާނެ ދައުރަކަށެވެ. މި ޕާޓީތަކުން އާންމުކޮށް ނަތަންޔާހޫއަށް ތާއީދުކުރަނީ، ޖޫން 2024 ގައި އެގައުމުގެ ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ދެކޮޅަށް، އެމީހުންގެ ދީނީ މަދަރުސާތަކުގައި ކިޔަވާ ޒުވާނުން ސިފައިންގެ ހިދުމަތަށް ނެރުމުން ސަލާމަތްކޮށްދިނުމަށް ޝަރުތުކޮށްފައެވެ.

ނަތަންޔާހޫގެ ފަރާތުން މީގެ ކުރިން ލިބެމުންދިޔަ ސިޔާސީ ހިމާޔަތަށް ބެލުމެއްނެތި، އަލްޓްރާ އޯތޮޑޮކްސް ޕާޓީއެއް ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑައިޒަމް (UTJ) އިން އައިޒެންކޮޓަށް ތާއީދުކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މި ޕާޓީއަކީ ސަރުކާރު އެކުލަވާލުމަށް ރައީސް ނަތަންޔާހޫއަށް ދެއްވި ފުރުސަތަށް ތާއީދުކުރަން ދެކޮޅު ހެދި ޕާޓީއެކެވެ. މީގެ އިތުރުން، އިދިކޮޅު އިސް ލީޑަރެއް ކަމަށްވާ އެވިގްޑޯ ލީބަމަން، އަރަބި ޕާޓީއަކާއެކު ކޯލިޝަން ހެދުމަށްވުރެ، އޭނާގެ ހަތުރު ނަތަންޔާހޫގެ ވެރިކަން ދެމިއޮތުމާއި އިތުރު އިންތިޚާބަކަށް ދާންޖެހިދާނެތީ، ކުރިން ގެންގުޅުނު އިއުތިރާޒުތައް މިހާރު ވަނީ މަޑުޖައްސާލާފައެވެ.

ގުދުސްގައި ހުންނަވައިގެން ނަތަންޔާހޫގެ ކުރީގެ އެހީތެރިއެއް ކަމަށްވާ މިޗެލް ބަރަކް ވިދާޅުވީ، މިއީ ހަމައެކަނި ސިޔާސީ އުކުޅެއް ކަމަށާއި ނަމަވެސް ނަތަންޔާހޫ މަޝްވަރާ ކުރައްވަމުން ގެންދަވަނީ ވަރަށް ބަލިކަށި ހާލަތެއްގައި ހުރެގެން ކަމަށެވެ. "ޔޫ.ޓީ.ޖޭ އާއި އައިޒެންކޮޓްއާ އެކު 67 ގޮނޑި އެބައޮތް. އެހެންކަމުން، ނަތަންޔާހޫގެ ސިޔާސީ ކުރިމަގާ ގުޅިފައިވާ މި މުހިންމު މަޝްވަރާތަކުގައި އޭނާގެ ކޯލިޝަން ވަރުގަދަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެ،" 120 ގޮނޑީގެ މަޖިލީހުގެ އަގުލަބިއްޔަތަށް އިޝާރާތް ކުރައްވައި ބަރަކް ވިދާޅުވިއެވެ.

ނަތަންޔާހޫގެ ސިޔާސީ ތަރިކައާއި އޭނާގެ މިނިވަންކަމާ ސީދާ ގުޅުންހުރި ގިނަ ގޮންޖެހުންތަކަކާ އޭނާ ކުރިމަތިލާން ޖެހިފައިވާއިރު، އައިޒެންކޮޓް ވެރިކަމަށް އަތުވެއްޖެނަމަ އެ ހުރިހާ ކަމެއްގެ މައްޗަށް އޮތް ބާރު ނަތަންޔާހޫއަށް ގެއްލޭނެއެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިހާރުވެސް ޝަރީއަތް ހިނގަމުންދާ ކޮރަޕްޝަންގެ ގިނަ ދައުވާތަކެވެ. އޭނާގެ މައުސޫމްކަމަށް ދައުވާ ކުރަމުންދިޔަ ނަމަވެސް، ކުރިން ސިޔާސީ ގޮތުން ވާދަވެރި މިހާރުގެ ރައީސް އިސާކް ހަރްޒޮގްގެ އަރިހުން މާފަށް އެދި ދުރާލާ އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. ދެވަނަ ކަމަކީ، އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާގެ ކުރިން ސަލާމަތީ ގޮތުންނާއި އިދާރީ ގޮތުން ފެއިލްވި ކަމަށް ބުނާ މައްސަލައިގައި އޭނާއާއި އޭނާގެ ސަރުކާރުން އުފުލަންޖެހޭ ބޮޑު ޒިންމާއެވެ. އެ ހަމަލާއަށްފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ ގައްޒާގައި ބޮޑު ގަތުލުއާންމެއް ހިންގައި، ފާއިތުވި އަހަރުތަކުގައި ސަރަހައްދީ އަވަށްޓެރި އެތައް ގައުމަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

https://wamco.com.mv/
tel:+9607331319