
ރައްޔިތުންގެ މަޖިލިސް
ގަރާރުތަކަށް ދެން ބަހުސްކުރެވޭނީ މަޖިލީހުން ބަލައިގަތުމުން

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 12:18
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައުމަށް ފާސްކުރެވުނީ 56 މެންބަރުންގެ އަގުލަބިއްޔަތަކުންނެވެ.
މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހޮނިހިރު ދުވަހު ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ މީގެ ކުރިން އޮތް ގޮތުން ނަމަ، ގަރާރެއް ބަލައިގަތުމާމެދު މެންބަރުންގެ މެދުގައި ވޯޓު ނެގޭނީ އެ ގަރާރަކަށް އާންމު ބަހުސް ކުރުމަށް ފަހުގައެވެ. އަދި މަޖިލީހުން އެ ގަރާރު ބަލައިގަތުމަށް ފާސްވެއްޖެ ނަމަ، ދިރާސާކުރުމުގެ މަރުހަލާއަށް ކަމާގުޅޭ ކޮމިޓީއަކަށް ފޮނުވައެވެ.
އަލަށް ގެނައި އިސްލާހުގައި ކަނޑައަޅާފައިވަނީ، މަޖިލީހަށް ހުށަހެޅޭ ގަރާރަކަށް އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ވެސް، އެ ގަރާރު ބަލައިގަތުމާމެދު މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގަންވާނެ ކަމަށެވެ. އެގޮތުން ނެގޭ ވޯޓުން އެ ގަރާރެއް ބަލައިގަތުމަށް ފާސްނުވެއްޖެނަމަ، ގަރާރު ބާތިލުވެ، އެއާމެދު އިތުރު އެއްވެސް ބަހުސެއް ކުރިއަށް ނުދާނެއެވެ. ނަމަވެސް ގަރާރު ބަލައިގަތުމަށް މަޖިލީހުން ފާސްވެއްޖެ ހާލަތެއްގައި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަކަށް ފޮނުވޭނެއެވެ.
ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހެޅުނު އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ގަރާރެއް ހުށަހެޅުއްވުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
ބިލަކާއި ގަރާރެއްގެ މެދުގައިވާ މައިގަނޑު ތަފާތުތަކުގެ ތެރޭގައި، ބިލާ ހިލާފަށް ގަރާރުގައި ދީބާޖާއެއް ހިމެނުމާއި، ވަކި ހާއްސަ މައުޟޫއަކަށް އެކަނި އަމާޒުވެފައިވާ އެއްޗަކަށް ގަރާރު ވާން ނުޖެހުން ހިމެނޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 328 ހާހަށްވުރެ މަތިވެއްޖެ
ގަޑިއިރެއް ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ޝަފްނީޒް އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން

ބަނގުރަލުގެ މައްސަލައެއްގައި ހިތަދޫއިން 2 މީހުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
2 ގަޑިއިރު ކުރިން


