
އިސްމާއިލް ޒަރިޔަންދު---
ގައުމެއްގެ އަމިއްލަވަންތަކަން ގެއްލި ހިނގައްޖެނަމަ، އަލުން އަނބުރާ ހޯދުމަކީ ނާދިރު ކަމެއް: ޒަރިޔަންދު

ޖިނާން ޙުސައިން ޖަބީން - 07 ނޮވެމްބަރު 2026 - 12:49
ގައުމެއްގެ އަމިއްލަވަންތަކަން އެއްފަހަރު ގެއްލިއްޖެނަމަ، އެ ކަން އަލުން އަނބުރާ ހޯދުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ އެކްޓިވިސްޓް އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ، މިހާރު ވެސް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ގައުމެއް ކަމަށެވެ. އަދި އާބާދީ އިތުރުވަމުންދާ ނިސްބަތުން، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގައުމެއްގެ ގޮތުގައި ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ބަނދެދެނީ، ދިވެހިންގެ މެދުގައިވާ އިޖުތިމާއީ ބަދަހިކަމާއި އިސްލާމީ ވަންތަކަން ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، ކުރިއަށް އޮތް ޖީލުތަކަށް ބުރައަކަށް ނުވާނޭހެން މިއަދުގެ ވެރިކަމުގެ ނިންމުންތައް ނިންމަންޖެހިފައިވާއިރު، ކޯޕަރޭޓް އުސޫލުން ބޭރު މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ ވިޔަފާރި އެއްބަސްވުންތަކުގެ ސަބަބުން މުސްތަގުބަލުގައި ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ނިންމުންތައް ނިންމަނީ، އެއްވެސް ޔަގީންކަމެއް ނެތް ކުރުމުއްދަތުގެ މާލީ މަންފާތަކެއް ދައްކައިގެން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުރުވިސްނުމަކާއި ފުން ތަހުލީލެއް ނެތި މިފަދަ ނިންމުންތައް ނިންމުމާއި، އެ ކަންކަމަށް ތާއީދުކުރުމުގެ ފަހަތުގައިވަނީ، ބައެއް ފަރާތްތަކަށް ލިބޭ އަމިއްލަ މާލީ ފައިދާއާއި، ބޭރު ދުނިޔޭގައި ޒާތީ މަގުބޫލުކަމެއް ހޯދުމުގެ ނިޔަތެވެ.
ޒަރިޔަންދު ވިދާޅުވީ، މިފަދަ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންނާ ދެކޮޅުވެ، ހެއްކެއް ނެތް އަރާރުވުންތަކެއް އުފެއްދުމުގެ ބަދަލުގައި، އެ ފަރާތްތަކަށް ވިސްނިފައިވާ ގޮތް ހަގީގީ ހެކިތަކާއި ހާލަތުގެ އަލީގައި އަލުން މުރާޖައާކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ވާރުތަވާނޭ ކަންކަމާމެދު ފުންކޮށް ވިސްނާވަޑައިގަތުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ޒަރިޔަންދު ވިދާޅުވީ މިއަދު ރާއްޖެ އެދިގޮވަނީ ދިވެހި ހުރިހާ ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ކަމަށެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، އަމިއްލަ އެދުމާއި މާލީ މަންފާއަކީ ފިލައިދާނެ އެއްޗެއް ކަމަށާއި ނަމަވެސް، އަބަދުވެސް ގައުމު ދެމިއޮންނާނެ ކަމަށެވެ. ހަމައެހެންމެ، ކެތްތެރިކަމާއި އިސްލާމްދީނުގެ ހައްގު މަގުގައި ސާބިތުވެ ތިބުމުން، ނަސްރާއި ކާމިޔާބީ ލިބޭނީ ހައްގަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ގައުމު ދަރަނީގެ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ފުދުންތެރި އިގުތިސާދެއް ބިނާކުރުމުގައި ވެރިން ވަނީ ފެއިލްވެފައި"
ދުވަހެއް ކުރިން

"އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ދިނުމުގެ ހިޔާލު ގެންގުޅޭ އެއްވެސް ވެރިއަކަށް ދިވެހިން ތާއީދެއް ނުކުރާނެ"
8 ދުވަސް ކުރިން

އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލްއައްބާރުގެ ހަގީގަތް ޒަރިޔަންދު ހާމަކުރައްވައިފި
13 ދުވަސް ކުރިން


