logo
"އިންޒެކް 2026" ގައި ތަޤްރީރުކުރައްވާ ބައިނަލްއަޤްވާމީ މުހިންމު 3 ކީނޯޓް ސްޕީކަރުން

"އިންޒެކް 2026" ގައި ތަޤްރީރުކުރައްވާ ބައިނަލްއަޤްވާމީ މުހިންމު 3 ކީނޯޓް ސްޕީކަރުން

އިންޒެކް 2026 ގެ ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފި

profile

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 11:50

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" ގައި ތަޤްރީރުކުރައްވާ ބައިނަލްއަޤްވާމީ މުހިންމު 3 ކީނޯޓް ސްޕީކަރުން އެ އިދާރާއިން އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސްގެ ދަށުން ހިނގަމުން އަންނަ ޒަކާތު ހައުސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 19:00 އަށް އިސްލާމީ މަރުކަޒުގައެވެ. މި އަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ "ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލަބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަރން ސޮސައިޓީސް" މި ޝިއާރުގެ ދަށުންނެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ފަގީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ހޯދައި މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި އިސްލާމިކް ސޯޝަލް ފައިނޭންސާއި، ޒަކާތުގެ އިދާރީ ކަންކަމާއި އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުންނާއި، ސިޔާސަތު އެކުލަވައިލައްވާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖުމްލަ ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޮންފަރެންސްގެ ކޮންމެ ސެޝަނެއްގައިވެސް މައި ތަޤްރީރަކަށްފަހު ޕެނަލް މަޝްވަރާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ސެޝަން ކަމަށްވާ "ދި އަނާޓޮމީ އޮފް މޮޑަރން ވަލްނަރަބިލިޓީ: ވައި އެންޑް ހައު ފެމިލީސް ފޯލް ބިހައިންޑް" ގައި ކީނޯޓް ތަޤްރީރު ދެއްވާނީ މެލޭޝިޔާގެ ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއެވެ. "ދި ނިއު ފޭސް އޮފް ވަލްނަރަބިލިޓީ: ހައު ސްޓްރަކްޗަރަލް ޝޮކްސް ޑިސްރަޕްޓް ފެމިލީ ސްޓެބިލިޓީ އިން މޮޑަރން މޮނިޓައިޒްޑް އިކޮނޮމީސް" ގެ ނަމުގައި އެކަމަނާ ދެއްވާ ތަޤްރީރުގައި، މާލީ ގޮންޖެހުންތަކުގެ ސަބަބުން އާއިލާތަކުގެ ހަމަޖެހުމަށް ކުރާ ނޭދެވޭ އަސަރުތަކަށާއި، އެފަދަ ހާލަތްތައް ދާއިމީ ފަގީރުކަމަކަށް ބަދަލުވުމުގެ ކުރިން ފިޔަވަޅުއެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ.

ދެވަނަ ސެޝަން ކަމަށްވާ "ދި އާކިޓެކްޗަރ އޮފް ރެޒިލިއަންސް: މަލްޓިސެކްޓަރަލް އެލަޔަންސަސް އެންޑް އިންޓެގްރޭޓެޑް ސޮލިއުޝަންސް" ގައި ތަޤްރީރުކުރައްވާނީ މެލޭޝިޔާގެ އިންސީފް (އައިއެންސީއީއައިއެފް) ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޑރ. އާމިރު ބިން ޝަހާރުއްދީނެވެ. އެބޭފުޅާގެ ތަޤްރީރު ޚާއްޞަކުރައްވާނީ އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޒަކާތާއި ވަޤުފް ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސް މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކާއި، އެންޖީއޯތައް އަދި އަމިއްލަ ސެކްޓަރު ގުޅިގެން މަސައްކަތްކުރުމުގެ ބާރުގެ މައްޗަށެވެ.

ތިންވަނަ ސެޝަން ކަމަށްވާ "ފްރޮމް ރެސިޕިއަންޓް ޓު ކޮންޓްރިބިއުޓަރ: އެވިޑެންސް-ބޭސްޑް ސަކްސެސް ސްޓޯރީސް އިން ޕޮވަރޓީ އަލީވިއޭޝަން" ގައި ކީނޯޓް ތަޤްރީރު ދެއްވާނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލްޒެޑްއެންކޭ) ގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ، މިސްޓަރ ޔޫސުފް ބިން އަޙްމަދެވެ. މިސްޓަރ ޔޫސުފްގެ ތަޤްރީރުގައި، ޒަކާތުގެ އެހީ ލިބޭ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދީ، އެފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ޒަކާތް ދައްކާ ފަރާތްތަކަކަށް ބަދަލުކުރުމަށް ބޭނުންކުރެވިދާނެ ޢަމަލީ އިސްތިރާތީޖީތަކާ ބެހޭގޮތުން ވާހަކަދައްކަވާނެއެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ކޮންފަރެންސްގެ ބޭނުމަކީ ހަމައެކަނި ވަގުތީ މާލީ އެހީއެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ޒަކާތުގެ ދައުރު ފުޅާކޮށް، އެކި މުއައްސަސާތައް ގުޅިގެން ފަގީރުކަމުގެ އަސްލު ސަބަބުތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ މަގުޗާޓެއް އެކުލަވައިލުމެވެ.

https://wamco.com.mv/
tel:+9607331319