logo
އިސްރާއިލުން ޣައްޒާ ސިޓީގެ އިރުއުތުރު ސަރަހައްދަށް އަމާޒުކޮށް ދިން ވަރުގަދަ ވައިގެ ހަމަލާ ދައްކުވައިދޭ ފޮޓޯއެއް،، ފޮޓޯ: ގަލްފް ޓައިމްސް

އިސްރާއިލުން ޣައްޒާ ސިޓީގެ އިރުއުތުރު ސަރަހައްދަށް އަމާޒުކޮށް ދިން ވަރުގަދަ ވައިގެ ހަމަލާ ދައްކުވައިދޭ ފޮޓޯއެއް،، ފޮޓޯ: ގަލްފް ޓައިމްސް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ

profile

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 12:52

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާ ސިޓީގެ އިރުއުތުރު ސަރަހައްދަށް އަމާޒުކޮށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ސީރިއަސް އަނިޔާތަކަކާއެކު ޒަޚަމްވެއްޖެއެވެ.

https://wamco.com.mv/

މި ހާދިސާއާ ގުޅޭގޮތުން ފަލަސްތީނުގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ ގަލްފް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން، އިސްރާއީލުގެ ޑްރޯނަކުން ޣައްޒާ ސިޓީގެ ތުއްފާހު އަވަށަށް ދިން މި ހަމަލާގައި ޝަހީދުވި މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ޗިސްވެފައިވާތީ، އޭނާގެ ވަނަވަރު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނަށް ކައިރީގައިވާ ހޮސްޕިޓަލްތަކުގައި ދަނީ އަވަސް ފަރުވާ ދެމުންނެވެ.

މީގެ އިތުރުންވެސް، ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ރަހުމުކުޑަ ހަމަލާތައް ފުޅާކުރަމުންނެވެ. އެގޮތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ދެކުނު ސަރަހައްދުތަކަށް އިސްރާއީލުގެ އަސްކަރީ އެއްގަމު އުޅަނދުތަކުން ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާ ސިޓީގެ އިރުމަތީ އަވަށްތަކަށް ބޮޑުބަޑީގެ ބާރުގަދަ ހަމަލާތަކެއް ދީ ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފައި މިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު އެކުލަވައިލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުއާއި އިންސާނީ ހައްގުތަކަށް އެއްވެސް ބެލުމެއްނެތި، އިސްރާއީލު ސިފައިން ދަނީ މި އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި، ކަނޑުމަގުން އަދި އެއްގަމު މަގުން ބޮޑުބަޑިއާއި ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ދުވާލަކު އެތައް ފަހަރަކު ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ބިރުވެރި ހަމަލާތައް ދަނީ ފޮނުވަމުންނެވެ.

އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނެވެ. ޣައްޒާގެ ބޮޑުބައެއް ސުންނާފަތިވެ، ހޮސްޕިޓަލްތަކާއި މަދަރުސާތަކާއި ރެފިއުޖީ ކޭމްޕުތައް ފުނޑުފުނޑުވެފައިވާއިރު، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ޖެހި މުޅި ސަރަހައްދު ވަނީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިސްރާއީލުން ގޮންޖަހަމުންދާއިރު، ބައިނަލްއަގުވާމީ ކޯޓުތަކުން އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް ނެރޭ އަމުރުތަކަށްވެސް އެ ގައުމުން ދަނީ ބީރުކަންފަތެއް ދެމުންނެވެ. ޣައްޒާގެ ރައްޔިތުން އަދިވެސް ތިބީ އަމިއްލަ ވަޒަނުން ނިކަމެތިކޮށް، ކޮންމެ ވަގުތަކުވެސް ފުރާނަ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.

https://wamco.com.mv/
tel:+9607331319