logo

އުނދަގޫތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް!

profile

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 14:02

މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ކަމާބެހޭ އިދާރާތަކުން ހައްލެއް ހޯދައިނުދެވުމުން، އާއިލާއާއި އާންމުންގެ ރައްކާތެރިކަމަށް އެދި ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ގގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

https://wamco.com.mv/

މި ހަޅުތާލު ފަށާފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކާއި އޭނާގެ އާއިލާއަށެވެ. ސައީދު އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އަހުމަދު ފައިރިޝް ނަމަކަށް ކިޔާ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްގެ ފަރާތުން އެ ސަރަހައްދުގެ އަވަށްޓެރިންނަށާއި، މަގު ބޭނުންކުރާ އާންމުންނަށް އަދި ހާއްސަކޮށް އޭނާގެ އާއިލާއަށް ނުހަނު ބޮޑެތި އުނދަގޫތަކާއި ބިރުވެރިކަން ކުރިމަތިވަމުން އަންނަ ކަމަށެވެ.

undefined

ސައީދު "އަސްލު ޓީވީ" އަށް މަޢުލޫމާތު ދިން ގޮތުގައި އެމީހާގެ ފަރާތުން ފެންނަ ނުރައްކާތެރި އަދި މުޖުތަމައުގެ އަމަންއަމާންކަން ގެއްލޭ ފަދަ ކަންކަމުގެ ތެރޭގައި މަގުން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި ހަޅޭއްލެވުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައި، އެކި ސަރަހައްދުތަކުން ބޯޑުތައް ދަމައި ގެނެސް މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން ހިމެނެއެވެ.

މީގެއިތުރުން، ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ދެ ފަހަރެއްގެ މަތިން ކުނިއަޅާފައިވާ މަންޒަރު ވީޑިއޯއަށް ރެކޯޑުކުރެވިފައިވާ ކަމަށާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭގެ ތެރޭގައި ސައީދުގެ ގަޔަށް ތެޔޮ ޖެހި މައްސަލައެއްވެސް ހިމެނެއެވެ. ހަމައެއާއެކު، އެއްވެސް އިންޒާރެއް ނެތި ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތަޅައި އަނިޔާކުރުމާއި، ދަންވަރު 12:00 އިން ފެށިގެން ފަތިސް ވަންދެން މެދުކެނޑުމެއް ނެތި އަޑުގަދަކޮށް ހަޅޭއްލެވުމުގެ އިތުރުން، ގޭގައި ކުއްޔަށް އުޅޭ މީހުން ވަންނަ ވަގުތުތަކުގައި ފަހަތުން ވަގަށް ގޭތެރެއަށް ވަދެގަންނަ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ.

މި ނުރައްކާތެރި މައްސަލަތައް ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓުކޮށް، ރަސްމީކޮށް މައްސަލަ ފައިލްކޮށް، ގިނަ ހެކިތަކެއް ހުށަހަޅާފައިވާނެ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ވެރިރަށް މާލޭގެ ކާރުބާރު ބޮޑު ގޯޅިތަކުގައްޔާއި އާންމު ސަރަހައްދުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ފަރާތުން އާންމުންނަށް ކުރިމަތިވާ މިފަދަ ގޯނާތަކަކީ ފަހަކަށް އައިސް އިތުރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ފުލުހުންނަށް ރިޕޯޓުކުރުމުން، ގާނޫނީ ގޮތުން އެފަދަ މީހުން ބަންދުގައި ބޭތިއްބުމަށް ހުރި ހުރަސްތަކާއި ރީހެބިލިޓޭޝަންގެ ނިޒާމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބޭ ކަމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރެއެވެ. އެހެންކަމުން، މުހައްމަދު ސައީދު މި ފެށި ހަޅުތާލަކީ މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ބާރުއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319