
ޓީޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ އިތުރުވެ، ދައުލަތުގެ އާމްދަނީ 28.7 ބިލިއަނަށް!

އާމިނަތު ޝަޒްލާ - 10 ސެޕްޓެމްބަރު 2026 - 13:23
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 28.73 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 27.04 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.2 އިންސައްތަ ނުވަތަ 1.69 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 8.5 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 20.61 ބިލިއަން ރުފިޔާއިން 22.35 ބިލިއަން ރުފިޔާއަށް އަރާފައެވެ. އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.71 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 3.3 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން އިމްޕޯޓް ޑިއުޓީން 2.35 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 14.1 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތަށް އާމްދަނީ ލިބުނު އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 20.4 އިންސައްތައިގެ ކުރިއެރުމަކާއެކު 5.60 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީ.އެސް.ޓީގެ ގޮތުގައި 3.6 އިންސައްތައިގެ އިތުރުވުމަކާއެކު 3.68 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 1.9 އިންސައްތައިގެ ކުރިއެރުމަކާއެކު 1.51 ބިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން 8.9 އިންސައްތައިގެ އިތުރުވުމަކާއެކު 1.32 ބިލިއަން ރުފިޔާ، އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 7.4 އިންސައްތައިގެ ކުރިއެރުމަކާއެކު 1.34 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 97.7 އިންސައްތަ އިތުރުވެ، 499.1 މިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް ޓެކްސް ނޫން ގޮތްގޮތުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.9 އިންސައްތަ ދަށަށް ގޮސް، 5.87 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.0 އިންސައްތަ މައްޗަށް ގޮސް 30.86 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 26.98 ބިލިއަން ރުފިޔާ (18.6 އިންސައްތަ އިތުރު) އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނޭ 3.88 ބިލިއަން ރުފިޔާ (6.9 އިންސައްތަ އިތުރު) ހިމެނެއެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ ސަބްސިޑީއަށް ކުރި ޚަރަދުންނެވެ. އެގޮތުން ސަބްސިޑީގެ ޚަރަދު 64.1 އިންސައްތައިގެ ބޮޑު އިތުރުވުމަކާއެކު 3.60 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު ވަނީ 14.2 އިންސައްތަ އިތުރުވެ، 4.92 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، ކައުންސިލްތަކުގެ ގްރާންޓަށް 1.68 ބިލިއަން ރުފިޔާ (17.3 އިންސައްތައިގެ އިތުރުވުމެއް) އަދި އާސަންދައިގެ ޚަރަދު 12.8 އިންސައްތަ އިތުރުވެ 1.49 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ކުރުމުގެ ދާއިރާއިން 1.26 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
އުމްރާނީ ތަރައްޤީގެ އެހެނިހެން ވަސީލަތްތަކަށާއި، ބަނދަރާއި ފާލަން ފަދަ ތަންތަނަށް ކުރި ހޭދަ އިތުރުވި ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ 36.8 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް ތިރިވެފައެވެ.
އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓު ވަނީ 2.13 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި 658.8 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވުނު ނަމަވެސް މި އަހަރު ދިމާވި ބޮޑު ބަދަލެކެވެ. މީގެއިތުރުން ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި ބަލާ ޕްރައިމަރީ ސާޕްލަސް ވެސް ވަނީ 4.04 ބިލިއަން ރުފިޔާއިން 1.27 ބިލިއަން ރުފިޔާއަށް، ނުވަތަ 68.6 އިންސައްތަ ދަށަށް ގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޔާސީ މީހުންދެކެ ފޫހިވާންޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ސިގުނަލް ތަކެއް ދައްކައިފި!
11 ގަޑިއިރު ކުރިން

ރައީސް، އިންޖިނިއަރސް އެވޯޑް 2026 ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
11 ގަޑިއިރު ކުރިން

އީރާނުގެ 5 ޓޭންކަރު ފައްތާލުމުން، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރި 10 އުޅަނދަކަށް އީރާނުން ހަމަލާދީފި
16 ގަޑިއިރު ކުރިން
ޗާގޯސް އަކީ ދިވެހިންނާއި ގުޅުން ހުރި ތަނެއް ނޫން ކަމަށް އިނގިރޭސި ވިލާތުން ބުނެފި
2 ދުވަސް ކުރިން


